ދުނިޔެއިން ބޭރުގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް)އަށް ދިޔަ ފުރަތަމަ އަރަބި އެސްޓްރޮނޯޓްގެ ޝަރަފު، އެކުވެރި އަރަބި އިމާރާތުގެ ހާޒާ އަލް-މަންސޫރީ ހޯދައިފިއެވެ.

ރަޝިޔާގެ އެސްޓްރޮނޯޓެއްގެ އިތުރުން ނާސާގެ އެސްޓްރޮނޯޓަކާއެކު ކަޒަގިސްތާނުން ފެށި ދަތުރުގައި ހާޒާ އަލް-މަންސޫރީއަށް އައި.އެސް.އެސްއަށް ދެވުނީ 6 ގަޑިއިރު ފަހުން ބުދަ ދުވަހުގެ ވަގުތެއްގައެވެ. އަދި މިހާރު 3 މީހުންވަނީ ސްޓޭޝަން ތެރޭގައި ތިބި އިތުރު ފަޅުވެރިންނާ ގުޅިފައި ކަމަށް ނާސާއިންވަނީ ހާމަކޮށްފައެވެ.

އުމުރުން އެންމެ 35 އަހަރުގެ އަލް-މަންސޫރީ ސިފަކުރި ގޮތުގައި މިއީ އޭނާގެ ހުވަފެނީ ދަތުރެކެވެ. މިމިޝަން ކާމިޔާބު ކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ އޭނާއަށް ހިތްވަރު ދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އައި.އެސް.އެސްގައި އަލް-މަންސޫރީ 8 ދުވަސް ހޭދަކުރާނެއެވެ.

މިޝަންގައި ފުރުމުގެ ކުރިން އޭނާ ވަނީ މިކަމުގައި މާތް ﷲ ރަހުމަތްފުޅަށް އެދި ދުއާ ކޮށްފައެވެ. އަދި ޖައްވުގައި ހުންނައިރުވެސް ވަގުތުން ވަގުތަށް ނަމާދުކުރާނެ ކަމަށް އަލް-މަންސޫރީ ވަނީ ބުނެފައެވެ. މީގެ ކުރިން ފައިޓާ ޕަލެޓެއްގެ ގޮތުގައި މަސައްކަތްކުރި އަލް-މަންސޫރީ ބުނި ގޮތުގައި އޭނާއަކީ ހަނގުރާމަ މަތީ މަތިންދާބޯޓުގައިވެސް ނަމާދުކުރާ މީހެކެވެ. އެގޮތުން ބާރު ސްޕީޑްގައި ދުއްވާއިރުވެސް ނަމާދުކުރެވޭނެ ކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ހާޒާ އަލް-މަންސޫރީއަކީ ދުނިޔެއިން ބޭރަށް ދަތުރުކުރި ފުރަތަމަ އަރަތްބެއް ނޫނެވެ. މިޝަރަފު އޮންނަނީ އެމެރިކާގެ ޖައްވީ އުޅަނދެއްގައި 1985 ވަނަ އަހަރު ޖައްވަށް ދަތުރުފުޅެއް ކުރެއްވި ސައުދީ އަރަބިއްޔާގެ ސުލްތޯޏް ބިން ސަލްމާން އަލް ސައުދަށެވެ.