ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ސަލާމަތްކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމެވިކަން އިއުލާނުކުރައްވާފައި ވަނީ އދގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޕާލޭ ފޯދަ އޯޝަންސްއާއި ދިވެހިރާއްޖެއާއި ދެމެދު މިކަމާބެހޭ ހާއްސަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ހުއްޓާލާނެކަމަށް އދގެ އާންމު މަޖިލީހުގައި ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. މީގެ އެއް ބޭނުމަކީ ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި، ޕްލާސްޓިކް ނެތް ކަނޑުތަކެއް ގާއިމްކުރުން ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކަނޑާއި ކަނޑުގެ ދިރުންތަކަކީ ދިވެހީންގެ ސަގާފަތާއި، އާންމު ދިރިއުޅުމާއި، އަދި ދިވެހި ބަހާއިވެސް ގުޅި ލާމެހިފައިވާ އެއްޗެއްކަމުގައި ވިދާޅުވިއެވެ. އަދި، ކަނޑުތަކަށް އުކާލެވޭ ކުނީގެ ނުރައްކާތެރިކަން ހުރިހާ ކަމަކާ ގުޅިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކަނޑުތަކުގެ ރައްކާތެރިކަމަކީ، ރާއްޖޭގެ ދެމިއޮތުމާއި ގުޅިފައިވާކަމެއް ކަމަށެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމުގައެވެ. އަދި، 2023 ވަނަ އަހަރުގެ ކުރިން، "ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވެފައިވާ ވައުދު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

މިއީ، ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ އަދި ވަކިން ހާއްސަކޮށް ވިޔަފާރިތަކުގެ އެހީތެރިކަން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާ ރައީސްވަނީ، ތަކެތި ބަންދުކުރުމަށް ޕްލާސްޓިކް ނޫން، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއް ހޯދަން ވިޔަފާރިތަކަށް ގޮވާލައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލާސްޓިކް މަދު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މިކަމުގައި ޒިންމާދާރު ދައުރެއް އަދާކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށާއި ބޮޑެތި ވިޔަފާރި ކުންފުނިތަކަށް އިލްތިމާސް ކުރައްވާފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި ފައިތިލަ ސާބިތު ކުރަމުންދާނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، މި މަސައްކަތުގައި އެހެން ގައުމުތަކަށް މިސާލު ދެއްކުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގަވެ. ނަމަވެސް، މިއީ ރާއްޖެއިން އެކަނި ކުރާ މަސައްކަތުން ހައްލު ކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހާއްސަކޮށް ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަކީ، ވަކި ގައުމަކަށް ހާއްސަ މައްސަލައެއް ނޫންކަން ހަނދުމަފުޅުކޮށްދެއްވާ ރައީސްވަނީ، މިކަމަށް ބޭނުންވަނީ ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕާލޭ ފޯދަ އޯޝަންސްއާ ބެހޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ޖަމުއިއްޔާއަކީ ކަނޑުތަކުގެ ދިރުމާއި އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމާ އޮތް ގުޅުން ދަންނަ، ކަނޑުތަކުގެ ދިރުންތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މަދު ޖަމުއިއްޔާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޖަމުއިއްޔާއެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ޖަމުއިއްޔާގެ ރާއްޖޭގައި ހިންގާ ގޮތްޕަކީވެސް ފާހަގަކޮށްލެވޭ، އަދި ތައުރީފު ހައްގު މަސައްކަތްތަކެއް ކުރާ ގޮތްޕެއްކަމުގައި ރައީސް ވިދާޅުވިއެވެ.