ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށް ބުނެ އެ އޮތޯރިޓީގެ މުވައްޒަފުންގެ ކަންބޮޑުވުން ފާޅުކޮށް ރައީސަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންސްޕޯޓް އޮތޯރިޓީގެ 46 މުވައްޒަފެއް ސޮއިކޮށްފައިވާ ސިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު ވަނީ ފޮނުވާފައެވެ.

ރައީސަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އެ ސިޓީ ރައީސަށް ފޮނުއްވީ ޓްރާންސްޕޯޓް އޮތޯރިޓީގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބި، އެކަމާ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ކަމަށެވެ. އަދި ކަނޑާލާ މުވައްޒަފުންގެ ލިސްޓެއް އުޅޭ ކަމުގެ މައުލޫމާތު ފުރަތަމަ ލިބިފައިވަނީ މިދިޔަ ޖުލައި މަހުގެ އަށެއްގައި ކަމަށް ބުނެފައިވެއެވެ.

އަދި މި މައްސަލައިގައި ޕާމަނަންޓް ސެކްރެޓަރީއާ ބައްދަލުކުރުމުން، މުވައްޒަފުންތަކެއް ކަނޑާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ރަނގަޅު ވާހަކައެއް ކަމަށާއި، އެ ލިސްޓް ސިވިލްސާވިސްގެ ލަފަޔަކަށް އެދި މިހާރު ފޮނުވާފައިވާ ކަމަަށް ބުނެފައިވާކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އަދި މި މައްސަލައިގައި މުވައްޒަފުންނަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ސިޓީގައި ބުނެފައިވަނީ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ ވިސްނުން އެ ބޭފުޅުން ގެންގުޅުއްވާ މައިގަނޑު އެއް ސަބަބަކީ ޓްރާންސް ޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސިންގަޕޫރަށް ފުރާވަޑައިގެންނެވުމުގެ ކުރިން ސިޔާސީ ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވާ "އޮތޯރިޓީގެ މަސައްކަތަށް ދަތިވި ނަމަވެސް، އޮތޯރިޓީ ހުއްޓުމަކަށް އައި ނަމަވެސް، މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް ލަފާފުޅު ދެއްވި" މިހެން ވިދާޅުވެފައިވާތީ ކަމަށެވެ.

މި ސިޓީގައި ޓްރާންސްޕޯޓްގެ މުވައްޒަފުން ބުނެފައިވަނީ ކަނޑާލާ ލިސްޓްގައި ހިމެނޭ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނަގާފައިވާ ނުކުތާއަކީ ގަޑިޖެހޭ މައްސަލަ ކަމަށާއި، ނަމަވެސް މީގެ ކުރިން މުވައްޒަފުން ގަޑިޖެހިގެން އަނގަބަހުން ވެސް އަދިި ލިޔުމުން ވެސް އިންޒާރު ދީފައި ނުވާކަމަށް ބުނެފައިވެއެވެ.

"މިކަމަށް ވަކި އަދަބުތަކެއް ކަނޑައެޅިފައިވާ އިރު، މިއިން އެއްވެސް އިޖުރާއަތެއް ފުރިހަމަ ކޮށްފައި ނުވާކަން ފާހަގަކުރަމެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މުވައްޒަފުންގެ އެޕްރައިޒަލް ފުރިހަމަ ކޮށްފައި ނުވާ ކަމާއި، މުވައްޒަފުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމާއި ހޭލުންތެރިކަން އިތުރުކުރުމަށް އެއްވެސް ކަމެއްކޮށްފައި ނެތުމަކީ އިހުމާލުވެފައި ވުމެވެ،"
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން

އަދި އިސްލާހުވުމުގެ ފުރުސަތު ނުދީ މިފަދަ ބޮޑު ފިޔަވަޅެއް އެޅުމަކީ އެއްވެސް އިންސާފެއް ހުރިކަމެއް ނޫން ކަމަށާއި، އުއްމީދަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ހައްގަކާ ނުލާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް އުއްމީދުކުރާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރައީސާއި ބައްދަލުކުރުމަށް ވެސް އެދިފައިވެއެވެ.