ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 ޕަސެންޓް ސަރަހައްދަކީ ރައްކާތެރި ކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒު ހިފާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ދިވެހި ކަނޑުގެ ސަރަހައްދުގެ ދިރުންތައް ރައްކާތެރި ކުރުމަށް ދިވެހި ސަރުކާރުން އަމާޒު ހިފާފައިވަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ދިވެހިރާއްޖެއާއި ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން 6 އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރު ކުޕްރޮގްރާމްގެ ތެރެއިންކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއާ އެޖަމާއަތާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. ބްލޫ ޕްރޮސްފެރިޓީ ކޯލިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިޓް ފައުންޑޭޝަންގެ ޗެއާމަން ޓެޑް ވައިޓްއެވެ.

އެއްބަސްވެ ސޮއިކުރުމަށް އެމެރިކާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ، އިގުތިސޯދީ ކުރިއެރުން ހާސިލު ކުރެވޭނީ އަދި ކުރަންވާނީ ވެސް ކަނޑުތަކާ ރައްޓެހި އާދަތަކެއްގެ ތެރެއިންކަމަށް ވިދާޅުވެފައެވެ.

ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ކުރާ މަސައްކަތް ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޖަމާޢަތުގެ ސިފަތަކާ އަސާސްތަކަކީ ރާއްޖެއިންވެސް ޤަބޫލުކުރާ ކަންތައްތަކެއްކަމުގައި ސިފަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ހާމަކުރައްވައި އިޤްތިޞާދީ ކުރިއެރުން ޙާޞިލުކުރުމުގައި ކަނޑުތަކާ ރައްޓެހި އާދަތަކެއް، ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ހޯދައި އެގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާޙައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސަރަޙައްދީ ކަނޑުތަކާއި ޖަޒީރާ ކަނޑުތަކާއި އެކްސްކްލޫސިވް އިކޮނޮމިކް ޒޯންވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ސައިންސާއި ޢިލްމީ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރުމަށް މަގުފަހިވެ، ޢާންމު ފަރާތްތަކާއި ސައިންސްވެރިންގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބޭނެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން 6 އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކުރެވޭ މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަހައްދުތަކަށް ހެދުމަށެވެ. މީގެއިތުރުން އޭޝިޔާ ބައްރުގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ރިޒާވް މެނޭޖްކުރުމަށް ސަރަހައްދީ އެއްބާރުލުން ހޯދަން މަސައްކަތް ކުރުމާއި ނޫ އިގުތިސޯދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެއްގޮތައް އަމަލުކުރޭތޯ ބެލުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

މިބައްދަލު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުތަކާ ގުޅޭގޮތުން ސައިންސްވެރިން ހޯދާ ހޯދުންތަކުގެ އަލީގައި ކަނޑުފަޅުގެ ދިރުންތައް ދަމަހައްޓައި، ކަނޑުތައް ބެލެހެއްޓުމުގައި ރާއްޖެއިން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ފަށާ މި މަސައްކަތަކީ ދެފަރާތައްވެސް ވަރަށް ފައިދާހުރި ގުޅުމަކަށް ވާނެކަމަށް އުންމީދުކުރައްވާކަން ފާހަގަ ކުރެއްވިއެވެ. އަދި، ކަނޑުތަކުގެ ރައްކާތެރިކަމަކީ ރާއްޖޭގެ ޤައުމީ މަސްލަހަތާއި ގުޅި ލާމެހިފައިވާ ކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަގުސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިޤްތިޞާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ ވިއުގައެކެވެ.