ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން" އަކީ ދިވެހިރާއްޖެ ކަމުގައި އިއުލާނުކޮށްފިއެވެ.
މިކަން އިއުލާނު ކޮށްފައި ވަނީ އދގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގެ މި އަދުގެ ދަންފަޅީގައި ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސާއި ކުރިމަތި ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފައެވެ. މީގެ އިތުރުން ޕާލޭ ފޯ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުންވެސް ރައީސް މި ފޯރަމްގައި މައުލޫމާތު ދެއްވިއެވެ.
ރައީސް ސޯލިހާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި، ގާނޫނާ ގަވާއިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި، ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖެއިން ޕާލޭ ފޯ ދަ އޯޝަންސް އާއި ގުޅިގެން މަސައްކަތް ކުރަން ނިންމި ސަބަބުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ޕާލޭ އޭއައިއާރު ސްޓްރެޓެޖީއަށް ތައުރީފުކުރައްވައި މި ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތައުރީފު ކުރެއްވިއެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރާ ގައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ގައުމެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، 2023 ވަނަ އަހަރުގެ ނިޔަލަށް "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލައްވާފައެވެ.
މިއީ، މިފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ގައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމުކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ، މިއީ، ރާއްޖޭގެ، "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ވަރަށް މުހިއްމު އަސާސެއް ކަމަށެވެ. އަދި މި މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، (ސިޑްސް) ނުވަތަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޙާޞިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕްލާސްޓިކާ ދުރު ޖަޒީރާ ޤައުމަކަށް" ރާއްޖެއިން އަމާޒުހިފުމުގެ މައިގަނޑު ބޭނުމާމެދު ހުށަހެޅުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން އަމާޒު ހިފާފައިވަނީ ނޫ އިގްތިސޯދުގެ ވިސްނުމާ އަދި ކަނޑުގެ ދިރުންތަކާ ވެށި ހިމާޔަތްކުރެވޭ ގޮތަށް ތަރައްގީގެ ކަންކަން ކުރިޔަށްގެންދިއުމަށް ކަމުގައެވެ.
ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން" ގެ މަގާމާއިމެދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތް ކުރާ ނޫ އިގްތިސޯދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.
މި ފޯރަމަކީ، އދގެ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލްކުރުމަށް ސަރުކާރުތަކާއި ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާ، އެކަމަށް އެއްބާރުލުން ދިނުމަށް މަގިފަހިކުރުވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކުރިއަށްދިޔަ "ސްކޭލިން އެމްބިޝަންސް" ޕެނަލުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކުން ހޯދަމުންދާ ކުރިއެރުންތައް ހިއްސާކޮށްފައިވެއެވެ.
މި ޕެނަލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ޕާލޭ ފޮރ ދަ އޯޝަންސްގެ ބާނީ ސައިރިލް ގަޓްޗް، ގޫގްލްގެ ޗީފް ފައިނޭންޝަލް އޮފިސާ، ރުތް ޕޮރެޓް އަދި އެގްރޮލިބާނޯ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ޕަމޭލާ މޮލީނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިހިނެއްތަ އެގުނީ މަހުގެ އާބާދީ މަދުވާކަމެއް. މިކަލޭގެ ކިޔާއެއްޗެކަށް ޖަވާބު ދޭންވެއްޖެ ނަމަ ދެންތިބޭ ބައެއްގެ ބޯގޮވާނީ. ބާނާމަސްކޮޅަށް ހަމައަގަކީ މިއީ އެކިޔާ އެންމެ ކުޑައަގެއް ރައްޔިތުންނަށް ދޭއިރު މަސްތަށް ބާނާ އުކައިލަން ޖެހިފަވާއިރު. މަށަށް ރަނގަޅީ އިސްތިއުފާ ދިނިއްޔާ