ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމަށް ބުނެ ސަމާލުވުމަށް އިނގިރޭސީވިލާތުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފިއެވެ.

އިނގިރޭސީވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށާއި، އެ ހަމަލާދޭނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. މި އެޑްވައިޒަރީގައި ބުނެފައިވަނީ ޓެރަރިސްޓް ހަމަލާދޭނީ ބޭރު މީހުން އުޅޭ ތަންތަނުގައާއި ފަތުރުވެރިން އުޅޭ ތަންތަނުގައި ކަމަށެވެ.

އެގައުމުގެ ކައުންޓާ ޓެރަރިޒަމް ފުލުހުން ވަނީ ގައުމުން ބޭރުގައި އުޅޭ އިރު ސަމާލުވުމަށް އަންގާ އެފަދަ ހާދިސާއެއްގައި ކަންކުރާނެގޮތް ވެސް ބުނެދީފައެވެ.

ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ރާއްޖެއަށް ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފައި ވާކަން ދިވެހި ސަރުކާރުން އެ ގައުމުގެ އިދާރާތަކަށް ކަޝަވަރު ކޮށްދީފައިވާ ކަމަށެވެ.

އަދި ބޭރު ގައުމުތަކަށް ދަތުރުކުރާ އިނގިރޭސީވިލާތުގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިރު އޮތްކަން ފާހަގަކޮށް އެ އެޑްވައިޒަރީގައި ބުނެފައި ވަނީ މިއީ ސީރިޔާ އާއި އީރާގްފަދަ ގައުމުތަކުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ނަތީޖާ އެއްގެ ގޮތުން ވާ ކަންކަން ކަމަށެވެ.