ގއ. ވޮޑަމުއްލާގެ އިކުއިޒިޝަން ކޮސްޓުން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާކަން ސާބިތުކޮށް ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ، މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައިގެ 5 ވަނަ ޝަރީއަތުގެ އަޑުއެހުމުގައެވެ. އެމަނިކުފާނު ވިދާޅުވީ، އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާ ދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކީ ހިޔާނާތުގެ މުއާމަލާތްތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް ގާނޫނީ އިދާރާއަކުން ބުނެފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ވޮޑުމުއްލާ ކުއްޔަށް ދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް ސާބިތުކޮސް ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު، އެސްއޯއެފުން ޖަމާކުރި ފައިސާ ބަދަލުކޮށްފައި ވަނީ އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފާނުގެ އެކައުންޓަކުން އެ ބޭންކުގައި އޮތް އެމަނިކުފާނުގެ އެހެން އެކައުންޓަކަށް ކަމަށާއި، އެއީ އެ ފައިސާގެ އަސްލު އޮޅުވާލަން ކުރެއްވި ކަމެއް ކަމަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެސްކްރޯ އެކައުންޓުގައި ބަހައްޓަންޖެހޭ އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކްގައި ރައީސް ޔާމީން ހުޅުއްވާފައިވާ އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކޮށްފައި ވުމަކީ ނުކުރެއްވޭނެ ކަމެއްކަން އެނގިވަޑައިގެން ހުންނަވައި، އެ ފައިސާ ޖަމާކުރެއްވުމަކީ އެ ފައިސާ އަސްލު އޮޅުވާލުމުގެ ނިޔަތުގައި ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކު ކުރެވޭ ހާލަތެއް އޮތް އިރު، އެ ފައިސާ އިން މަންފާ ހޯދަން އިންވެސްޓް ކުރައްވައިފައިވާކަން ހެކިންގެ ހެކިބަހާއި ކިތާބީ ހެކިތަކުން އެނގެން އޮތް ކަމަށެވެ.

ދިފާއުގައި، ދިފައީ ވަކީލުން ބުނީ، އެސްކްރޯ އެކައުންޓު ހުޅުވައި އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބަހައްޓަން އިސްނެންގެވީ ރައީސް ޔާމީން ކަމަށާއި، އެކަމުން ދޭހަ ވަނީ ދައުވާ ލިބޭ ފަރާތުގެ ނިޔަތް ރަނގަޅު ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ސީދާ ހިޔާނާތުގެ ފައިސާކަން އޭސީސީން މިހާތަނަށް ނިންމާފައި ނުވާ އިރު، މިފަދަ ދައުވާއެއް ކުރުމަކީ އޭސީސީން ކުރަމުންދާ ތަހުގީގަކަށް ދައުލަތުން ނުފޫޒު ފޯރުވުމުން ކަމުގައި ދިފާއީ ވަކީލުން ބުނެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ކިތާބީ ހެކި ހުށަހަޅާފައެވެ. އެގޮތުން، ރައީސް ޔާމީން ފުލުހުންނަށް ދެއްވާފައިވާ ބަޔާނާއި، އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓް ހުޅުވަން އޭސީސީ އާއި ރައީސް ޔާމީން އާ ދެމެދު ހަދާފައިވާ އެއްބަސްވުން ދައުލަތުގެ ކިތާބީ ހެކީގެ ގޮތުގައި ހިމެނެއެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ކޯޓަށް ހާޒިރުވުމަށް ހަމަޖެހިފައިވާ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވަނީ ކޯޓަށް ހާޒިރުވެވަޑައި ގެންނެވެން ނެތް ކަމަށާއި ހެކިބަސް ދެއްވުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެ ކޯޓަށް ސިޓީއެއް ހުށަހެޅުމާއި ގުޅިގެން އަޒީމާ ކޯޓަށް ހާޒިރު ނުކުރުމަށް ނިންމައިފައެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިވެރިޔާ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުގީގަށް ދިން ހެކި ބަހުގެ ވީޑިއޯ ރިކޯޑިންގް ބެލުމަށް ޝަރީއަތުގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާގެ 5 ވަނަ އަޑުއެހުން މިއަދު ބާއްވާފައި ވާއިރު، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހްމަދު ހައިލަމް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އަންނަ އޮކްޓޯބަރު މަހު 10 ވަނަ ދުވަހު މި މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަަށް ވިދާޅުވުމަށް ފަހުއެވެ.