ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމަށް ދެވޭނެ ހެކިބަހެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ފަސްވަނަ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހެއްކެއް ކަމަށްވާ އަޒީމާގެ ހެކިބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ ވަޒީފާ އަދާ ކުރައްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައި ކަމަށާއި އަދި އެހެންކަމުން ކޯޓަށް ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެއާއެކު އަޒީމާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ މައްސަލާގައި އޭނާއަށް ދެއްވޭނެ ހެކިބަހެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އަޒީމާގެ ހެކިބަސް ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދިޔައީ ދެފަރާތުން ވެސް ކިތާބީ ހެކި ހުށަހެޅުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ވަނީ މައްސަލަ ސާބިތު ކުރުމަށްޓަކައި ގިނަ ކިތާބީ ހެކިތަކެއް ފާހަގަކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ދައުލަތާއި ދެކޮޅަށް ގިނަ ކިތާބީ ހެކިތަކެއް ހުށަހަޅާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން ގާޒީ ވަނީ މި ޝަރީއަތުގައި ދެފަރާތުން ހުށަހެޅި ހެކިބަސް ނަގާ ނިމުނީ ކަމަށް ވިދާޅުވެފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވުން އޮންނާނެކަމަށް ގާޒީ ހައިލަމް އިއުލާނުކުރެއްވިއެވެ. އެ އަޑުއެހުން އޮންނާނީ އޮކްޓޯބަރު 10ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ.