ރާއްޖެ ތަރައްގީ ކުރެވޭނީ ވެރިންގެ ހިތްތަކުން ހަސަދަވެރިކަން ނައްތާލައިގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރީ ސަރުކާރަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެ ހުދުމުހުތާރު ކަމަށް އެނބުރެމުން ދިޔަ ދިއުމެއް އަނެއް އަތަށް އަނބުރާލި ކަމަށާއި، ޑިމޮކްރަސީގެ ހުޅުކޮޅު އެއްފަހަރުން ރޯކޮށްލީ އެމަނިކުފާނު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުރީ ސަރުކާރުގައި ޝަރުއީ ނިޒާމު އޮތީ ހައިޖެކްކޮށްފައި ކަމަށާއި، ޕާލަމެންޓް އޮތީ ހުއްޓުމަކަށް ގެނެސްފައި ކަމަށާއި، ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެެރިންގެ އަނގަ ބަންދުކޮށްފައި އޮތް ކަމަށެވެ.

ރައީސް ސޯލިހަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އދ ގައި ރައީސް ސޯލިހް ކުރީ ސަރުކާރަށް ފާޑު ވިދާޅުވުމުން އެނގެނީ ބިއަސްވުމާއި ބަދަލުހިފުމާއި ނަފުރަތު މި ސަރުކާރުގައި އޮތް މިންވަރު ކަމަށާއި، ގައުމިއްޔަތާއި އުއްމީދެއް ނެތް ކަން ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރެވޭނީ ވެރިކަމުގެ ކޯލު ތެރެއިން ވެރިންގެ ހިތްތަކުން ހަސަދަވެރިކަން ނައްތާލައިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ރައީސް ސޯލިހަކީ އދ ގައި ރާއްޖެ ތަމްސީލު ކުރި އެންމެ ދެރަ ރައީސް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ ކުރީ ސަރުކާރަށް ފާޑު ވިދާޅުވުމް ނޫން ކަމަށާއި، މިއަދުގެ ސަރުކާރުގައި ލީޑާޝިޕެއް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.