އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ މެމްބަރު ގައުމުތަކުގެ 74 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަގުރީރު ކުރައްވައިފިއެވެ.

ރާއްޖެ ގަޑިން މިރޭ 09.15 ހާއިރު ރައީސް ސޯލިހު ކުރެއްވި ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޓެރަރިޒަމްގެ ނުރައްކަލާ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިތުރުން ސަރަހައްދީ ސުލްހައިގެ ހަމަޖެހުމުގެ މައްޗަށެވެ. މީގެ އިތުރުން ފަލަސްޠީނާ މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސް ސޯލިހުގެ ތަގުރީރު ފައްޓަވާފައިވަނީ އދ އުފެދިފައި ވަނީ ފަނާކުރަނިވި ދެ ހަނގުރާމައެއްގެ ސަބަބުން އަނދާއަޅިއަށް ވެގެންދިޔަ އެތައް މިލިއަން އިންސާނުންގެ ނެތިދިއުމުގެ ތެރެއިން ކަމަށާއި، އ.ދ. ގެ އަސްލު ބިނާވެފައި ވަނީ އިންސާނީ މިނިވަންކަމުގެ މަތިވެރިކަމާއި އަމިއްލަ ޤައުމިއްޔަތެއް ބިނާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާސް ތަކެއްގެ މައްޗަށް ކަމަށްވާތީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށްވެސް ބަސްބުނުގެ އިހުތިޔާރު ލިބިދޭކަމަށް ވިދާޅުވަމުންނެވެ.

7 އަހަރަށްފަހު އދގެ އިސްވެރިންގެ ބައްދަލުވުމުގެ ޕޯޑިއަމްގައި ދިވެހިރާއްޖޭގެ ފަރާތަކުން ރައީސްއަކު ކުރައްވާ ތަގުރީރު ކުރިއަށް ގެންދަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރުފެށިފައިވާތީ އެކަމާ އުފާފުޅު ކުރައްވާކަމަށެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ހުދުމުހްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫންކަމަށާއި އޭގެ އިތުރުން ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މި ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާނެކަމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރެއްވިއެވެ. އެގޮތުން މުއައްސަސާތައް ވަރުގަދަކުރުމާއި، ލާމަރުކަޒުކުރުމާއި، ވެށި ހިމާޔަތްކުރުމާއި އަދުލު އިންސާފު ކަށަވަރުކުރުމަށް ޤާނޫނީ އޮނިގަނޑުތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުކުރުމަށް އދގެ ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 21 ވަނަ ޤަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު އާންމުވަމުންދާ ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައާއި ދީނުގެ ނަމުގައި ކުރެވޭ މިފަދަ ޢަމަލުތަކާއި ޒުވާނުންގެ ސިކުނޑިތައް މިފަދަ ކަންކަމަށް ލެންބުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މުޖްތަމައުގެ ކިބައިން އެދިވަޑައިގެންފައެވެ. މިގޮތުން ޖާސޫސީ މައުލޫމާތު ހިއްސާކުރުމާ ޓެރަރިޒަމްއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން ތަމްރީނު ދިނުމާއި ތަޖުރިބާ ހިއްސާކުރުމާ ޓެރަރިޒަމްގެ ވިއުގަތަކަށް ހަރަދުކުރުން ހުއްޓުވުމަށް މާލީ ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުން ފަދަ ކަންކަމަކީ މިކަމަށް އެޅިދާނެ ފިޔަޅުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް ނޭޅިވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޤައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އދ ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅުއްވާފައިވާ ރާއްޖޭގެ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއްކަން ހާމަކުރައްވާފައެވެ.

އަދި، ދިވެހިރާއްޖޭގެ މި މޮޑެލަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޙާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަމަށާއި، މި މޮޑެލަކީ ޤުދުރަތީ ހައްލުތަކަށް ބާރުއަޅައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދީ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ކުރިން މުޅިން ހުއްޓާލުމުގެ މަސައްކަތް ދިވެހިރާއްޖެއިން މިހާރު ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރަޙައްދީ ގުޅުންތައް ބަދަހިވެ ވިޔަފާރިތައް ކުރިއަރައި ދިއުމަށް މަގުފަހިވާގޮތަށް ޤަވާޢިދުތަކުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އ.ދ.ގެ މެންބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ.

މި ތަޤްރީރު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަން ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވެފައެވެ. މިގޮތުން އދ އަކީ ހުރިހާ ޤައުމުތަކަށްވެސް ބޭނުންތެރި ޖަމާއަތެއްކަމަށާއި، އދ ގެ މަސައްކަތް އެންމެ ބޮޑަށް ބޭނުންވަނީވެސް މިއަދު ދިމާވަމުންދާ އާދަޔާޚިލާފު މައްސަލަތައް އެންމެން ގުޅިގެން މަޝްވަރާކޮށްގެން ޙައްލު ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އދގެ 74 ވަނަ އާންމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤުރީރުކުރެއްވީ އާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 6 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އދގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއްކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާހަގަކުރެއެވެ.