މާލެ ޖަލުގެ އެނެކްސް (ރިމާންޑް ޖަލު)ގައި މީހުން ބޭތިއްބީ ކަނޑުގަދަކަމުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މުނާޒް މިހެން ވިދާޅުވީ، ރިމާންޑް ޖަލަކީ ގައިދީން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެތަން ބޭނުން ނުކުރުމަށް ކަރެކްޝަންސް އަށް އަންގައިފައިވީ ނަމަވެސް އިއްޔެ ރިމާންޑް ޖަލަށް އެޗްއާރްސީއެމުން ކުރި ޒިޔާރާތުގައި އެތަނުގައި 25 ގައިދީއަކާއި ބަންދު މީހަކު ބަންދުކޮށްފައި ތިބިކަން ފާހަގަ ވެފައިވާތީ، 48 ގަޑިއިރުތެރޭ އެމީހުން އެތަނުން ނެރުމަށް އަންގާ އެ ކޮމިޝަނުން ނެރުނު ބަޔާނަށް ރައްދު ދެއްވަމުންނެވެ.
މުނާޒް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ޝަރުއީ ކޯޓުތަކުގެ ބޭނުމަށާއި ޑޮކްޓަރަށް ދެއްކުމަށް ޖަލުތަކުން މާލެއަށް ގެނެވުނު މީހުން އެދުވަހު މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި ބައިތިއްބަން ޖެހުނީ ކަނޑު ދަތުރުފަތުރު ކުރެވޭ ވަރަށް ވުރެ މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައިވާތީ ކަމަށެވެ. އަދި އިއްޔެ އެޗްއާރްސީއެމުން މާލެ ޖަލަށް ޒިޔާރަތް ކުރި ފަރާތްތަކަށް އެ ވާހަކަ އަންގާވައިފާނެ ކަމަށެވެ.
އެޗްއާރްސީއެމަށް ރައްދު ދެއްވަމުން މުނާޒް ވިދާޅުވީ، ރިމާންޑް ޖަލަކީ ނުވަތަ މާލޭ ޖަލުގެ އެނެކްސް އިމާރާތަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ތަނެއްނޫން ކަމަށް ވިޔަސް އެތަނަކީ މިހާރު ޖަލެއްގެ ގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ބޭނުން ކުރާ ތަނެއް ނޫން ކަމަށެވެ. ނަމަވެސް ހެނދުނު މާލެ ގެންނަ މީހުން މެންދުރުފަހު ފުރުވާލެވެންދެން އެތަނުގައި ބައިތިއްބާކަން އެޗްއާރްސީއެމްގެ މީހުންނަށް ވެސް އެނގޭނެ ކަމަށް މުނާޒް ވިދާޅުވިއެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިއްޔެ އެ ކޮމިޝަނުން ރިމާންޑް ޖަލަށް ކުރި ޒިޔާރާތުގައި އެތަނުގެ ހާލަތު ކުރިއަށް ވުރެ މިހާރު ދަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމާއި ގޮޅިތައް ސާފުތާހިރު ނޫން ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގައި 25 ގައިދީއަކާއި ބަންދު މީހަކު ބަންދުކޮށްފައި ތިބިކަން ވެސް އެޗްއާރްސީއެމުން ވަނީ ފާހަގަ ކޮށެފައެވެ.