މާލެ ޖަލު އެނެކްސް (ރިމާންޑް ޖަލު) ގައި ގައިދީން ނުބައިތިއްބާ، 48 ގަޑިއިރު ތެރޭ އެތަން ހުސް ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަށް އަންގައިފިއެވެ.

އެޗްއާރްސީއެމުން ބުނީ ރިމާންޑް ޖަލަކީ ގައިދީން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެތަން ބޭނުން ކުރުން ހުއްޓާލާފައި ވާކަމަށް، ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ ރިމާންޑް ޖަލަށް ދިއުމުން ކުރުމުން، އެތަނުގައި 25 ގައިދީއަކާއި ބަންދު މީހަކު ބަންދުކޮށްފައި ތިބިކަން ފާހަގަ ވެފައިވާ ކަމަށެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިއްޔެ އެ ކޮމިޝަނުން ރިމާންޑް ޖަލަށް ކުރި ޒިޔާރާތުގައި އެތަނުގެ ހާލަތު ކުރިއަށް ވުރެ މިހާރު ދަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމާއި ގޮޅިތައް ސާފުތާހިރު ނޫން ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިރުން އެޗްއާރްސީމުން ވަނީ ތަކުރާރުކޮށް ރިމާންޑް ޖަލުގައި މީހުން ބަންދު ނުކުރުމަށް އެންގުމުން ވެސް، ކަރެކްޝަނުން އެގޮތަށް އަމަލު ނުކުރުމުން، ގާނޫނުއަސާސީން އެ ކޮމިޝަނަސް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން 48 ގަޑިއިރު ތެރޭގައި އެތަނުގައި ތިބި ގައިދީންނާއި ބަންދުމީހުން ރައްކާތެރި މާހައުލަކަށް ބަދަލުކޮށް، އެތަން ބަންދު ކުރުމަށް އަންގާފައެވެ.