މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައި ވަނީ އިއްޔެ ހަވީރު 5:15 ހާއިރު މަސްތުވާތަކެތީގެ މައްސަލައެއްގައި މ. ކޮޅުފުށިން ހައްޔަރުކުރި 39 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ފުލުހުން ބުނީ، މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ނުވަތަ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީން ފިލުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. އެގޮތުން، މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ ހިއްމަފުށީ އައްސޭރި ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު ފިލުމުން، ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ގުޅިގެން ވަނީ އޭނާ ހޯދާ، އަނބުރާ ޖަލަށް ގެންގޮސްސައެވެ.

އަދި މިދިޔަ ޖުލައި 11 ވަނަ ދުވަހުގެ ރޭ ދަންވަރު މާފުށީ ޖަލުން ފިލި ގައިދީއެއް ކަނޑުމަތިން އަތުލައި އަނބުރާ ޖަލަށް ގެންގޮސްފައި ވެއެވެ. މިކަމާ ގުޅިގެން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިލި ގައިދީ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރި މަސައްކަތުގައި ފުލުހުންނާއި، މަސްބާނަން ނުކުމެ އުޅުނު މާފުށީ ޒުވާނުންތަކެއް އެހީވި ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ގައިދީ ފިލައިގެން ގޮސްފައިވަނީ "ކަޔަކް" އެއްގައި ކަނޑަށެވެ. އަދި އޭނާ ހޯދާފައިވަނީ ކަނޑުމަތިންނެވެ.