މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަން ޖެހޭ ގޮތަށް އެ ކޮމިޝަނުގެ ހިންގާ ގަވައިދު އެކުލަވާލައި، އެއަށް އަމަލު ކުރަން ފަށައިފިއެވެ.

މި ގަވައިދުގައިވާ ގޮތުން، ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން މެނުވީ ކޮމިޝަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެ ކަމަށް ބައްދަލުވުމުގެ ސިއްރު ހިފަހެއްޓުމުގައި ބައިގައި ބުނެފައިވެއެވެ.

މީގެ އިތުުރުން މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލު ކުރުމަށް، ނުވަތަ އެހެން މީހަކަށް އެ މަންފާ ހޯދައިދިނުމަށް ބޭނުން ނުކުރުމާއި، މަގާމުގެ ހައިސިއްޔަތުން މެން ބަރަކަށް ލިބިފައިވާ މައުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަ ކަށް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަަށް މެންބަރުންގެ ސުލޫކީ މިންގަނޑުގައި ހިމެނެއެވެ.

މި ގަވާއިދުގައި ބުނެފައިވަނީ މަރު ކޮމިޝަނުގެ މެންބަރުންނަކީ މުހިންމު މަސްއޫލިއްޔަތު ތަކާއި ޒިންމާތަކެއް އަދާކުރާ ބަޔަކަށް ވީހިނދު، އެ މަސްއޫލިއްޔަތު ތަކާއި ޒިންމާތަކަށް ފުށު އަރާފާނެ، ނުވަތަ އަސަރުކޮށްފާނެ، އިތުރު އެއްވެސް މަސައްކަތެއް މެންބަރަކު ކޮށްގެން ނުވާނެ ކަމަށެވެ.

މި ގަވާއިދުގައި ވަނީ ކޮމިޝަނަށް ލިބިދޭ ބާރުތައް ވެސް ހިމަނާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުތައް ބޭނުން ކުރުމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދައުލަތުގެ އެހެން މުއައްސަސާތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، ކޮމިޝަނުގެ ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކުރުމާއި، ކޮމިޝަނަށް ހާޒިރުވާން ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ ކޮމިޓީއަކުން އަންގާ މީހަކު ކޮމިޝަނަށް ނުވަތަ ކޮމިޝަނުގެ ކޮމިޓީއަކަށް ހާޒިރު ނުވެއްޖެ ނަމަ، އެ މީހަކު ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

މީގެ އިތުރުން ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިފެހެއްޓުމާއި، ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަ ތުކުރެވޭ މީހަކު ހައްޔަރު ކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ނަމަ އެ ފަދަ މީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނުތަކާ އެއްގޮތަށް ހައްޔަރު ކުރެވޭނެކަމަށް ބުނެފައިވެއެވެ.

އަދި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހުންގެ އެކައުންޓުތައް މެދުވެރިކޮށް ހިންގައިފައިވާ މާލީ މުއާމަލާތުތަކުގެ މައުލޫމާތު ހޯދުމުގެ ބާރާއި، ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހުންގެ އެކައުންޓުތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާއާ އެއްގޮތަށް ހިފެހެއްޓުމާއި، ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމުގެ ބާރު ލިބިގެންވެއެވެ.

ކޮމިޝަންގެ ސިއްރު ހިފަހައްތާގޮތަށް ގަވާއިދު ހެދުމަށްފަހު ގެޒެޓް ކޮށްފައިވަނީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ރިޕޯޓްގެ ޑްރާފްޓް ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެރުވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

މި ރިޕޯޓް ނަޝީދަށް ލިބިވަޑައިގަތުމާއެކު، އެމަނިކުފާނު ވަނީ އެ ރިޕޯޓްގެ ކޮޕީތައް މަޖިލީހުގެ ޕީޖީ ގުރޫޕްގެ ލީޑަރުންނާ ރހިއްސާ ކުރައްވާފައެވެ. އަދި ފަހުން ރިޕޯޓްގައި ބައެއް ސިއްރު މައުލޫމާތުތައް ހިމެނޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން އެ ރިޕޯޓްތައް ލީޑަރުންގެ އަތުން އަނބުރާ ހޯދާފައިވެއެވެ.