ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމަށް ކުރިން އަޅަމުންދިޔަ ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދގެ 74 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް"ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ޓެރަރިޒަމް ފެތުރުމަށާއި، ދީނީ ހަރުކަށިކަން ފެތުރުމުގައި އިންޓަނެޓްގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޓެރަރިޒަމް ހުއްޓުވުމުގައި ކުރިން ބޭނުންކުރަމުން ގެންދިޔަ ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ފިޔަވަޅުތަކަކީ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ސޯލިހު ވަނީ، ނަސްލީ ތަފާތުކުރުމާ، އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަކަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމައާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. މިހާރުވެސް މިގޮތަށް އަމަލުކުރަމުންދާ ގައުމުތަކަށް ތަޢުރީފުކުރައްވާ، ރާއްޖެއިން ވެސް އަނިޔާވެރިކަމާ، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާ ޝާއިއުކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަހީނުކޮށް މަރާލި ރިލްވާންގެ މައްސަލަ

ރަހީނުކޮށް މަރާލާފައިވާ ރާއްޖޭގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ ހާދިސާއަށްވެސް ރައީސް ސޯލިހުވަނީ މި ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައެވެ.

އެ ހާދިސާއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެއަށްވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެފަދަ ހިތްދަތި ހިތާމަވެރިކަމެއް އެހެން ދިވެހި އާއިލާއެއް ތަޙައްމުލުކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމްއާއި ދެކޮޅަށް ރާއްޖެ

މި ކޮންފަރެސްންގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެރަރިޒަމް ނައްތާލުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މިހާރު އަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެގާނޫނަށް މި ބަދަލުތައް ގެނައުމުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކޮންމެ މީހެއްގެ ވެސް އެންމެ އަސާސީ ހައްގުކަމުގައިވާ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކްރައިސްޓްޗާޗް ކޯލް

މިއަހަރުގެ ކުރީކޮޅު ކްރައިސްޓްޗަރޗްގައި ދިން ޓެރަރިސްޓް ހަމަލާއަށް ބިނާކޮށް ނަން ދެވިފައިވާ "ކްރައިސްޓްޗަރޗް ކޯލް" އަކީ ޓެކްނޮލޮޖީ ކުންފުނިތަކާއި ގުޅިގެން ދީނީ ގޮތުން ހައްދުފަހަނައަޅާ ދިޔުމަށް އެހީވެދޭ ފަދަ ލިޔުންތައް އޮންލައިންކޮށް ދައުރުވުން ހުއްޓުވުމަށް ސަރުކާރުތަކުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާއިއެކު އުރުދުންގެ ރަސްގެފާނާ، ފަރަންސޭސިވިލާތުގެ ރައީސްގެ އިތުރުން ނިއުޒިލެންޑްގެ ބޮޑުވަޒީރާ، އދގެ ސެކްރެޓަރީ ޖެނެރަލްވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.