މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަށް އެހެން ގައުމުތަކުން ވެސް އަމަލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަށް އެހެން ގައުމުތަކުން ވެސް އަމަލުކުރުމަށް ރައީސް ގޮވާލެއްވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ 74 ވަނަ އދގެ އާންމު މަޖިލީހުގެ ތެރެއިން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލުވުމަށް ގައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވެވި ސަމިޓެކެވެ.

މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއިން އަމަލު ކުރަމުން ގެންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށެވެ. އަދި، މިފަދަ މޮޑެލެއް އިހުތިޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުން ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

74 ވަނަ އދގެ އާންމު މަޖިލީހުގެ ތެރެއިން، ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މީގެ އިތުރުން ރައީސް ސޯލިހް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ކުދި ޖަޒީރާ ގައުމުތައް ހިއްސާވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ފަދަ ޖަމާއަތްތަކުގެ އެހީއާއެކު ކުދި ޖަޒީރާ ގައުމުތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމަލުކުރަން އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްކަން ފާހަގަކުރައްވައި އެއީ ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނެ އަދި ގުޅިގެން ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ހިމެނޭ މޮޑެލެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވާނީ ތިމާވެއްޓާބެހޭ 11 މައިގަނޑު ދާއިރާއަކުން ހާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްގީ ގެނައުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ބައެއްކަންކަން ހިމެނެއެވެ.

މިބައްދަލުވުމުގައި ރާއްޖެއިން ތަންފީޒު ކުރަމުންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" ފަދަ މޮޑެލެއްގެ ބޭނުން ހިފުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ގޮވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ، ކާބަން ބޭނުންކުރާ މިންވަރު މަދު އިގްތިސޯދެއް ބިނާކުރުމާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މީގެ އިތުރުން، ރައީސް ސޯލިހް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ބޮޑުކަމާއި އޭގެ ނުރާއްކާތެރިކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.