ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދގައި ތަގުރީރު ކުރައްވާނީ މިރޭ 7:45 ގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އދ އާންމު މަޖިލީހުގެ ކްލައިމެޓް އެކްޝަން ސަމިޓުގައި ރައީސް ސޯލިހް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 19:45 އިން 22:00 އަށް ކަމަށެވެ. އަދި އެއީ ނިއުޔޯކް ގަޑިން 10:45 އިން 13:00 އަށް ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހް ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ދުވަހަކީ އދގެ މެންބަރަކަށް ރާއްޖެ ވީތާ 54 އަހަރު ފުރޭ ދުވަހަށް ވީއިރު މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭ ރައީސްކަން ކުރެއްވެވި ބޭފުޅަކު އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. އެގޮތުން ދިވެހިރާއްޖެއިން އދގެ މެންބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

74 ވަނަ ޔޫއެންޖީއޭ އެޖެންޑާގައި ހިމެނޭ މައިގަނޑު ބައެއް ކަންކަމުގެ ތެރޭގައި ކްލައިމެޓް ސަމިޓްއާއި، ފައިނޭންސިންގް ފޯ ޑިވެލޮޕްމަންޓް ސަމިޓާއި ސަމޯއާ ޕާތްވޭގެ ރިވިއު ބައްދަލުވުން ހިމެނެއެވެ. ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފަށާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އިސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވާނީ ރައީސް ސޯލިހުއެވެ.

އދގެ މެންބަރު ގައުމުތަކުގެ 74 ވަނަ އާންމުޖަލްސާ ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.