ހަމަހުގެ ތުއްތު ކުއްޖަކު ގޮވައިގެން އޭނާގެ ބައްޕަ ފިލި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އަންހެނަކު ވަނީ ތުއްތު ކުއްޖެއްގެ ފޮޓޯއެއް އާއްމުކޮށް، އެ ކުއްޖާ އެއްވެސް ފަރާތަކަށް ފެނިފައިވޭތޯ ސުވާލުކޮށްފައެވެ. އަދި ފެނިފައިވާ ނަމަ އެ އަންހެން މީހާއަށް އަންގާލަ ދިނުމަށް އެދިފައިވެއެވެ. ބައެއް މީޑިއާތަކުގައި އެ ކުއްޖާ ގެންދިޔައީ ކުއްޖާގެ ބައްޕަ ކަމަށާއި ނަމަވެސް ކުއްޖާ ގެންދިޔައީ ކުއްޖާގެ މަންމައަށް ނޭނގި ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ މަންމައަށް ނޭނގި ހަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ބައްޕަ ފިލިކަމަށް ބުނެ ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ހަމަހުގެ ކުއްޖަކާއި ގުޅިގެން މިމަހުގެ 20ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަމަކު އެއީ ކޮން ކަމަކާއި ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޖެންޑާ މިނިސްޓްރީން ސީދާ މިކަން ކަށަވަރު ނުކުރި ނަމަވެސް، ހަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން، އެ ކުއްޖާގެ ބައްޕަ ފިލިކަމަށް ބުނާ މައްސަލައެއްގެ މައުލޫމާތު ވަނީ 'ދަ ޕްރެސް' އަށް ލިބިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖަކާ ގުޅުންހުރި، ދެމަފިރިންގެ އާއިލީ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު ދިނުމަށް ޖެންޑާ މިނިސްްޓްރީން ދަނީ ދެކޮޅު ހަދަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ބައެކެވެ. ނަމަވެސް ތުއްތު ކުއްޖާ ގޮވައިގެން، އެ ކުއްޖާގެ ބައްޕަ ފިލާފައިވަނީ މާލޭގައެެވެ.