މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކޮފީ ތަށްޓެއް ބައްލަވަން އިނދެ، ބިލު ގެންނަން ވިދާޅުވުމުން ލިބިވަޑައިގަތީ ޝުކުރުގެ ނޯޓެކެވެ.

ބޮޑު ދެ ހާދިސާގެ ތެރޭގައި ގައުމީ ހިދުމަތުގައި ނުނިދާ މަސައްކަތް ކުރައްވަމުން ދިޔައިރު ކޮފީއެއް ބައްލަވަން ޝަމާއު ވަޑައިގަތުމުން ބިލްގެ ބަދަލުގައި ލިބިވަޑައިގެން މެސެޖުން ޝަމާއުގެ ހިތުގެ އުދާސްތައް ބަނޑުން ކޮށްލައްވާފައި ވަނީ ޓްވީޓަކުންނެވެ. ޝަމާއު ވިދާޅުވީ، ނުނިދާ އުޅުއްވާތާ 42 ގަޑިއިރު ވީ ކަމަށެވެ.

ރާއްޖޭގައި ހިނގާދިޔަ އަލިފާނުގެ ބޮޑު ހާދިސާއާއި ވާރޭ ވެހުމުން މާލޭގައި ފެންބޮޑުވި ހާދިސާގެ ތެރޭގައި އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ދިޔަ ކަމަށް ސަމާއު ވިދާޅުވިއެވެ. މި ފަދަ ދަނޑިވަޅެއްގައި ބުރަކޮށް ޓީމަކާއި އެކު މަސައްކަތް ކުރައްވަމުން ދިޔައިރުވެސް ބައެއް މިހުން ދިޔައީ ހައްލު ނުކުރެވި ހުންނަ ކަން ކަމަކަށް އިނގިލި ދިއްކުރަމުން ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. ވަރުބަލިަކަމާއެކު މަސައްކަތް ކުރުމަށްފަހު "އެކްސްޕްރެސް ކޮފީ" އަކަށް އޯޑަރުކޮށްލެއްވުމަށްފަހު ބިލް ގެނައުމަށް އެދިވަޑައިގަތުމުން ލިބިވަޑައިގަތީ ނޯޓުކޮޅު ކަމަށް ޝަމާއު ވިދާޅުވިއެވެ. އެއީ އެ ދުވަހުގެ އެންމެ ފޮނި ވަގުތުކޮޅުކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

"ގައުމީ ހިދުމަތުގައި ތިބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތަކަށް ފަށްފަށުން ޝުކުރިއްޔާ"
އެ ނޯޓުގައިވާ ލިޔުން

މިދިޔަ ދެ ދުވަސް ތެރޭގައި ބޮޑު ދެ ހާދިސާ މާލޭގައި ހިނގިއެވެ. އެއީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ވާރޭ ވެހުމުން މާލޭގެ މަގުތަކާއި ބައެއް ގެތަކަށް ފެންވަނުމުގެ ހާދިސާއެކެވެ. މި ހާދިސާތަކާ ވިދިގެން އިއްޔެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެފައި ވަނީ، އަލިފާން ރޯވީމަ ނިއްވާނެ ގޮތެއް ނެތް ކަމަށާއި، ވާރޭ ވެހި ފެންބޮޑުވީމަ ފެން ހިންދާނެ ގޮތެއް ނެތް ކަމަށެވެ. މީގެ އިތުރުން ސިރާޖު ވިދާޅުވީ، މާލޭ ނޫން ގޮތެއް ހޯދަން މީހާރު މާ ލަސްވެސް ވެއްޖެ ކަމަށެވެ. ލާމަރުކަޒީކޮށް، މާލެ ތޮށްޖެއްސުން ހުއްޓުވާނެ ކަމަށާއި މިކަމަށް އިތުރު ހައްލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގަައި ރޭގަ ހިނގި އަލިފާނުގެ ހާދިސާގައި ގެއެއް އަރީއަޅާލާފައި (ކ) އަދި ކަނބާއައިސާ ރަނި ހިނގުމުގައި މިއަދު ފެންބޮޑުވެފައި

އެ ހުރިހާ ހާދިސާއެއްގައި ވެސް މާލެ ސިޓީ ކައުންސިލްގެ ފަރާތްތަކުން ވަނީ އެބޭފުޅުންގެ ގައުމީ ވާޖިބު އަދާ ކުރައްވާފައެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާއަކީ މިހާތަނަށް މި ފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެެވެ. އެތައް ގެއެއް އަނދާ އަޅިއަށްވިއެވެ. އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެތައް އާއިލާއެއް ބިކަވިއެވެ. މި އަލިފާނުގެ ހާދިސާގައި ދެ ކުދިންނަށް އެކުދިންގެ މަންމަ އަބަދުގެ އަބަދަށް ގެއްލިގެން ދިޔައެވެ.

ހަތަރު ކެމިކަލް ގުދަނުގައި ރޯވެ، ހިނގާދިޔަ މި ހާދިސާގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރީ ގައުމީ ބަތަލުންނެވެ. އެއީ މިގައުމަށްޓަކައި ގުރުބާންވުމަށްޓަކައި މާތްﷲ ގަންދީ ހުވާ ކޮށްފައި ތިބި މީހުންނެވެ. ފުލުހުންނާއި ސިފައިންނެވެ. އަދި އެއާޕޯޓު ފަޔާ ފައިޓާސް އަކީ ވެސް ހިނގާދިޔަ މިހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި މީހުންނެވެ.

ހެންވޭރު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު / ފޮޓޯ: ސޯޝަލްމީޑިއާ

ކޮންމެ ކަމެއްގައިވެސް ފަރުދާގެ ފުރަގަހުގައި ބަޔަކު ހުންނާނެއެވެ. އެމީހުންގެ މަސައްކަތްތަކަކީ ކުޑަ މަސައްކަތެއް ނޫނެވެ. އެމީހުން ކުރާ މަސައްކަތްތާއި ކަންކަން ހައްލުކުރުމަށް ވިސްނާ ވިސްނުންތަކަކީ ކުޑަ ވިސްނުންތަކެއް ނޫނެވެ.

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 400 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ބޭނުންވިއެވެ. ކުއްލިއަކަށް އެ އިންތިޒާމް ހަމަޖައްސާނީ ވަކި ކިހިނެއް ހެއްޔެވެ. އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ތަނާއި ކަލާފާނު ސްކޫލަކީ ވަކި ކައިރި ސަރަހައްދެއް ނޫނެވެ. އަދި އެތަނަށް ހާލުގައި ޖެހުނު ފަރާތްތައް ގެނދިއުމުން ނިމުނީއެއް ނޫނެވެ. އެމީހުންގެ ބެލެހެއްޓުމުގެ ޒިންމާ އެޅޭނީ މިދެންނެވި ފަރުދާގެ ފުރަގަހުގައި ތިބި މީހުންގެ ބޮލުގައެވެ. ހާލުގައި ޖެހުނު މީހުންގެ ކެއުމާއި ބުއިމާއި ނިދުމަކީވެސް މި ދެންނެވި ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަންކަމެވެ.

400 އަށްވުރެ ގިނަ މީހުންގެ ތެރޭގައި ތަފާތު މިޒާޖުގެ މީހުން ތިބޭއިރު އެ ހުރިހާ އެންމެންގެ ޝަކުވާތައް ކެތްތެރިކަމާއެކު އަޑު އެހުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ގައުމީ މަސައްކަތާއި، ގައުމީ ހިދުމަތަކީ ކެތްތެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރުމެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި ކަލާފަން ސުކޫލުގައި ތިބި އާއިލާތަކަށް އާމުންގެ އެހީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ފުރެސް

މާލެ ސިޓީ ކައުންސިލަކީ މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮންނަ ތަނެކެވެ. އެތަނުގެ ވެރިންނަށް ތިއްބަވާ ބޭފުޅުން ފެށިގެން އެންމެ އާދައިގެ މުވައްޒަފު މީހާވެސް އަލިފާނުގެ ހާދިސާގެ ސަބަބުން އަދި ލޮލުފިޔައެއް ޖަހާނުލައެވެ. މިކުރާ ގައުމީ މަސައްކަތުގެ ވާހަކަ ދައްކާނީ މަދު މީހެކެވެ.

މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާ މުދާ ރައްކާތެރި ކޮށްދީ ރައްޔިތުންނަށް ދިމާވާ ދަތި ހާލުން އަރައިގަތުމަށް ހުރިހާ މުއައްސަސާއިންވެސް ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރު ހައްގެވެ.