އަދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

އދގެ މެންބަރަކަށް ރާއްޖެ ވީތާ 54 އަހަރު ފުރޭ ދުވަހަށް މިއަދު ވީއިރު މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭ ރައީސްކަން ކުރެއްވެވި ބޭފުޅަކު އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. އެގޮތުން ދިވެހިރާއްޖެއިން އ.ދ.ގެ މެންބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

ރައީސްގެ ތަގުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ޤައުމުތަކާއި، ބައިނަލްއަގްވަމީ ޖަމިއްޔާ އަދި ޖަމާއަތްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަގރީރަކަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ ވެރިންނާއި، އދގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ. އދގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2019 ގައެވެ.

74 ވަނަ ޔޫއެންޖީއޭ އެޖެންޑާގައި ހިމެނޭ މައިގަނޑު ބައެއް ކަންކަމުގެ ތެރޭގައި ކްލައިމެޓް ސަމިޓްއާއި، ފައިނޭންސިންގް ފޯ ޑިވެލޮޕްމަންޓް ސަމިޓާއި ސަމޯއާ ޕާތްވޭގެ ރިވިއު ބައްދަލުވުން ހިމެނެއެވެ. ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފަށާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އިސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އދގެ މެންބަރު ގައުމުތަކުގެ 74 ވަނަ އާންމުޖަލްސާ ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.