މިރޭ ހެންވޭރުގައި ހުރި ގެތަކެއްގައި ހިނގި ފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށްފަހު، މީޑިޔާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. ރައީސް މި ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ގާތަށް ޒިޔާރަތްކުރައްވައި އެ މީހުންގެ ހާލު ބައްލަވާލައްވާފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ފެހި އާބާދު ކިޔާ ގެއަކާއި، އެގެއާއި އިންވެގެންވާ އިތުރު ގެތަކެއް، އަދި ގުދަންތަކެއްގައެވެ. މި ހާދިސާއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، މިރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ އަދި ޖަމާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަން ހާމަކުރައްވަމުން، ރައީސް ވަނީ، މި ހާދިސާއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް މިރޭ ބާއްވަވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ. އަދި، ނުރައްކާތެރި ކެމިކަލް ފަދަ ތަކެތި ރައްކާކުރާ ގުދަންތައް، އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރަށް ބަދަލުކުރަން ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.