މިއަހަރުގެ ބާކީ އޮތް ދުވަސްކޮޅުގެ ތެރޭގައި ކްރޯމް ބްރައުޒަރަށް އިތުރުކުރާނެ ފީޗާތައް ގޫގްލްއިން ދައްކާލައިފިއެވެ.

އަލަށް އިތުރުވެ، ތަރައްގީ ކުރާ ފީޗާތަކުގެ ތެރޭގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޓެބްތައް މެނޭޖުކުރުމާ، ގޫގްލް ކުރެން ސުވާލެއް ކުރުމަށް އޮމްނިބޮކްސް ގައި ސުވާލު ލިޔުމަށްފަހު އެންޓާ ކީއަށް ފިތާލުމުގެ ކުރުން ޖަވާބު ޑިސްޕްލޭ ކުރުން ކަހަލަ ބަދަލުތަކެއް ފާހަގަކުރެވެއެވެ.

މީގެ އިތުރުން ގޫގްލް ކްރޯމްގެ ވިންޑޯ ތީމްގެ ކުލަ ބަދަލު ކުރުމަށް އިން-ބިލްޓް ތީމް ސެޓެއްވެސް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ގޫގްލްއިން ބުނެއެވެ.

ޓެބް މެނޭޖްމަންޓަށް އަންނަ ބަދަލުތަކުގެ ތެރޭގައި ޓެބްތައް ގްރިޑެއްހެން ފެންނާނެ ހެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ޕްރީވިއު ބޭނުންކުރެވެނީ އެންޑްރޮއިޑް ޑިވައިސްތަކުން ކްރޯމް ބޭނުންކުރާ ފަރާތްތަކަށެވެ. އެގޮތުން ކޮންމެ ޓެބެއްގެ ޕްރީވިއު، ޓެބްތައް ނުހުޅުވާވެސް ބަލާލެވޭނެއެވެ. މީގެ އިތުރުން ކޮމްޕިއުޓާ ނުވަތަ ލެޕްޓޮޕް ފަދަ އެއްޗަކުން ސައިން-އިންވެފައިވާ ކްރޯމް އެކައުންޓަށް، މޯބައިލް ޑިވައިސްއަކުން ވަނުމުން އެ ޓެބްތައް ސިންކުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އަލަށް ތައާރަފުކުރާ ފީޗާތަކާ، އަޕްގްރޭޑްކުރާ ފީޗާތައް އާންމުންނާ ހަމައަށް ފޯރާނެ ވަކި ތާރީހުތަކެއް ގޫގްލްއިން ހާމަކޮށްފައި ނުވި ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ބަދަލެއްވެސް ފެނިގެންދާނެ ކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ބުނެއެވެ.