ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ބާޒާރު ކުރުމުން އެސްޓީއޯ ސުޕަމާޓުން ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ބާޒާރު ކުރުމުން 2 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާކަމަށެވެ. އެސްޓީއޯއިން މިހެން ޑިސްކައުންޓުދޭން ނިންމާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ހިންގަމުން އަންނަ އެސްޓީއޯ ސުޕަމާޓުން ބުރާސްފަތި ދުވަހު ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމަށް އެންމެ މުހިއްމު ކަމަކީ އާދަކާދައަށް ބަދަލު ގެނައުން ކަމަށާއި، ގެއިން ކޮތަޅު ހިފައިގެން ބާޒާރުކުރަން އަންނަ ފަރާތްތަކަށް ޑިސްކައުންޓެއް ދިނުމަކީ އެފަދަ އާދަތައް އަށަގެންނެވުމަށް ދެވޭނެ ހިތްވަރެއްކަމަށް ދެކޭކަމަށެވެ. އަދި މިކަމަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތެއްކަމަށް ސުޕަމާޓުން ބުންޏެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށްޓަކައި ގައުމީ ފެންވަރުގެ ކެމްޕޭނެއް ސަރުކާރުން ފަށާފައިވާއިރު، އެސްޓީއޯއިން މީގެ ކުރިންވެސް ވަނީ އެ ކެމްޕެއިނުގައި ބައިވެރިވެފަ އެވެ. އެގޮތުން އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލެވޭ ޕްލާސްޓިކް ވިއްކުން ހުއްޓާލުމަށްޓަކައި ފިހާރައިގައި ހުރި ޑިސްޕޮސިބަލް ތައްޓާއި، ސަމުސަލާއި އެހެނިހެން އުފެއްދުންތަކުގެ ސްޓޮކް ހުސްކުރުމަށްޓަކައި ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.