މި ސަރުކާރުން ކަރަންޓުގެ އަގު ހެޔޮ ކޮށްދީފައިވާ މިންވާރާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކަރަންޓުގެ އަގު އަދި އިތުރަށް ހެޔޮކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު ޑީސަލްގެ އަގު ހުރި މިންވަރަށް ބަލާފައި އަގު ހެޔޮކުރުމަކީ ވަރަށް ދަތިކަމެއް ކަމަށާއި، އެހެންކަމުން ކަރަންޓު އަގު ހެޔޮ ކުރެވެން އޮތީ ސޯލާޕެނަލްތައް ބަހައްޓައިގެން ސޯލާ އެނާޖީ ބޭނުންކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިވަގުތު ކުރެވެން އޮތްވަރު އެއީ. އަޅުގަނޑު ހިތްހަމައެއް ނުޖެހޭ. އެއަށްވުރެވެސް ކުޑަވާންޖެހޭ. ދެން ކަރަންޓް އަގުހެޔޮވުމުގައި ސޯލާ އެނާޖީއާއި ވިންޑް އެނާޖީ ބޭނުންކުރަންޖެހޭ. ދެން މިހާރު ތެލުގެ އަގުހުރިގޮތުން ދެން އަގުތަކަށް ބަދަލުގެނެވޭނީ އެކަހަލަ ބަދަލުތަކެއް ގެނެސްގެން،"
ރައީސް

ރައީސް ވިދާޅުވީ ހަމައެކަނި ޑީސަލަށް ބަރޯސާވެގެން ކަރަންޓްދީގެން ކަރަންޓް އެއް އަގެއްގައި ހިފެހެއްޓޭނެ ކަމަށް ގަބޫލުފުޅޫ ނުކުރައްވާ ކަމަށެވެ. އަދި ސައުދީގެ އަރަމްކޯގެ ތެޔޮއުފައްދާ ކާރުހާނާއަކަށް ދިން ހަމަލާއާއި ގުޅިގެން ތެލުގެ އަގު 10 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށާއި، އޭގެ އަސަރު އިންޖީނުގެއާއި ޖަނެރޭޓަރު ހިންގާ ފަރާތްތަކަށް ކުރާނެ ކަމަށެވެ. އަދި ގެއްލުން ނުވެ ހިންގާނަމަ މީގެ އޮތް ހައްލަކީ އޮލްޓަނޭޓިވް ގޮތެއް ހޯއްދެވުން ކަމަށް ރައިސް ވިދާޅުވިއެވެ.

ސަރުކާރުން ކަރަންޓަށް ގެނައި ބަދަލަށް ބަލާލާއިރު، އެންމެ ބޮޑަށް އަލި އަލުވާލާފައި ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ އަގުތައް އެއް ހަމައަކަށް ގެނައުމަށެވެ. އެގޮތުން ސްޓެލްކޯއިން ވަނީ ތިންކަމެއް ކޮށްފައެވެ. ފުރަތަމަ ކަމަކީ ޑޮމެސްޓިކް ޓެރިފް މުޅި ރާއްޖޭގައި އެއްހަމަ ކުރުމެވެ. ދެވަނަ ކަމަކީ ބިޒްނަސް ޓެރިފްގެ ގޮތުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ދެމުންދާ ޓެރިފްގެ އެކި ސްޓަރަކްޗާތައް ނައްތާލައި، ގްރޭޓާ މާލެ ރީޖަން ފިޔަވާ އެހެން ހުރިހާ ތަނެއް އެއް ސްޓްރަކްޗާއެއްގެ ދަށަށް ގެނައުމެވެ. ތިން ވަނަ ކަމަކީ ކުރިން ސަރުކާރުން ޑީސަލް އިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކަނޑާލުމާ ގުޅިގެން ރިޑަކްޝަން ކަސްޓަމަރުންނަށް ފިއުލް ޑިސްކައުންޓެއް ގޮތުގައި ދިނުން ހިމެނެއެވެ.

ޑޮމެސްޓިކް ޓެރިފް މުޅި ރާއްޖޭގެ އެއްހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދު މާލެއާ އެއްހަމައަކަށް ގެނެސްފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެއިތުރުން ބިޒްނަސް ޓެރިފްގެ ގޮތުގައި މާލޭގެ ބޭރުން އެންމެ އަގުތައް ދަށްކޮށް ހުރި އައްޑޫ އާއި ފުވައްމުލަކުގެ އަގުތަކާއި އެއްހަމައަށް އެހެނިހެން ރަށްރަށުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އަގުތައް ގެނެސްފައިވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ފިއުލް ޑިސްކައުންޓެއްގެ ގޮތުގައި މިހާރު ކޮންމެ ކަސްޓަމަރެއްގެ އަތުން ކަރަންޓު ބޭނުންކޮށްފައިވާ ކޮންމެ ޔުނުޓަކަށް 12 ލާރީގެ ނިސްބަތުން ޑިސްކައުންޓެއް ދީފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.