ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް މިއަދު ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް މިއަދު ހާމަކުރައްވާނެކަމަށާއި، އެ އަދަދު ފަހުން އިތުުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު އާންމުކުރާނީ 17 ޓެރަރިސްޓް ޖަމާއަތުގެ ނަން ކަމަށެވެ. ނަމަވެސް އެ އަދަދު ފަހުން އިތުރު ވެސް ވެދާނެ ކަމަށާއި، މަދު ވެސް ވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސް ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ކަނޑައަޅައިފައިވެއެވެ. އެހެންކަމުން، ރައީސް އެކުލަވައިލައްވައިފައިވާ ލިސްޓު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއެކު އާންމުކުރުމަށް މިއަދު ވަނީ ނިންމާފައެވެ.