ރަހުމްކުޑަކޮށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް ދޫކޮށްލުމަށް ބުނެ، ޔޫއެންއިން އެެއްވެސް ޕްރެޝަރެއް ނުކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހުމާމް ދޫކޮށްލުމަށް ޔޫއެން އިން ރަސްމީކޮށް ސަރުކާރަށް އަންގާފައި ނުވާ ކަމަށެވެ.
ނަމަވެސް މިދިޔަ އެޕްރީލް މަހުގައި ޔޫއެންއިން ވަނީ ހުމާމް އަހުމަދު ދޫކޮށްލުމަށާއި އޭނާއަށް ބަދަލު ދިނުމަށް ސަރުކާރަށް އަންގާފައެވެ. ޔޫއެން އިން ސަރުކާރަށް އެންގި އެންގުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އދގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު ވެސް އެއިރު އާންމު ކުރެއްވިއެވެ.
އދ. ގެ އެންގުމާ ގުޅޭގޮތުން ޝަހީދު ވިދާޅުވީ، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ހުމާމުގެ މައްސަލަ އާ ގުޅިގެން ނިންމާފައިވާ ނިންމުން، ދިވެހި ބަހަށް ތަރުޖަމާކޮށް އާންމުކުރުމަށް ވެސް ސަރުކާރަށް އދ އިން އަންގާފައި ވާކަމަށެވެ. އަދި ހުމާމްގެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުން ތަކާ ގުޅޭގޮތުން، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް މިދިޔަ އަހަރު ޝަހީދު ފޮނުއްވި ސިޓީގެ ޖަވާބާ އެކު، އެ ކޮމެޓީގެ މަޝްވަރާއާ ދެކޭ ގޮތް އެކުލެވޭ ރިޕޯޓެއް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެއެވެ.
މިކަމާ ގުޅިގެން އެ ކޮމެޓީއިން ބުނެފައި ވަނީ، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް) ގެ 6 ވަނަ މާއްދާއާއި، 14 ވަނަ މާއްދާގެ ދަށުން، ހުމާމް އަށް ލިބިދޭ 7 ހައްގެއް ދައުލަތުން ނިގުޅައިގެންފައި ވާކަމަށެވެ.
އަދި އެ މުއާހަދާގެ 2 ވަނަ މާއްދާގެ 3 ގެ ހ. ގެ ދަށުން ހުމާމަށް ދައުލަތުން އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން، ހުމާމުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ސައްހަ ނޫންކަމަށް ނިންމުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ދައުލަތަށް ލާޒިމުވާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.
އދގެ ރިޕޯޓުގައި، އަލުން އެ މައްސަލައިގައި ދައުވާ ކުރަން ފެންނަ ކަމުގައި ވާނަމަ، މުއާހަދާގެ 6 ވަނަ މާއްދާއާ 14 ވަނަ މައްދާ އާ އެއްގޮތް ވާގޮތުގެ މަތީން އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކުރުމަށް، ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން މައްސަލަ ކުރިއަށް ގެންދިއުމަށް ނަފްސާނީ ގޮތުން ހުންނަންޖެހޭ ގާބިލުކަން ހުމާމްގެ ކިބައިގައި ހުރިތޯ ބެލުމަށް، ސައިކޭޓްރިކް ޓެސްޓެއް ހެދުމުގެ އިތުރުން ހުމާމް އަށް ދޭންޖެހޭ މާލީ ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ރިޕޯޓުގައި، މުސްތަގުބަލުގައި މުއާހަދާގެ މާއްދާތަކާ ހިލާފު ނުވާނޭހެން މަސައްކަތް ކުރުން ދައުލަތަށް ވާޖިބުވާނެ ކަމަށް ވެސް ބާޔާންކޮށްފައި ވެއެވެ. އަދި މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރި ސަބަބު އެމީހަކަށް ނުވިސްނޭފަދަ، ސީރިއަސް ނަފްސާނީ މައްސަލަތަކެއް ހުރި މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ދައުލަތަށް ހަނދާން ކޮށްދޭ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ރާއްޖެ އަކީ މި މުއާހަދާގެ މެންބަރަކަށް ވުމުން، މުއާހަދާގެ މާއްދާއަކާ ހިލާފުވޭތޯ ނުވަތަ ނޫންތޯ ނިންމުމުގެ އިހުތިޔާރު ކޮމެޓީއަށް ލިބިގެން ވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އަދި ރިޕޯޓުގައި ވަނީ، ދައުލަތުން މުއާހަދާއަށް ތަބާވާން ޖެހޭނެ ކަމަށާއި، މުއާހަދާގެ މާއްދާއަކާ ހިލާފަށް މީހަކާ ދޭތެރޭ ކަމެއް ކޮށްފިނަމަ، އެމީހަކަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށް ބަޔާން ކޮށްފައެވެ.
މީގެ އިތުރުން މި ރިޕޯޓުގާ ފާހަގަ ކޮށްފައިވާ ކަންތައްތައް ތަކާ ގުޅިގެން ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު، 6 މަސްދުވަސްތެރޭ އެ ކޮމެޓީއަށް ފޮނުވަން ވާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސްގެ ތަރުޖަމާނަށް ގުޅުމުން ކޮމެންޓެއް ދެއްވަން އެއިރު ވަނީ އިންކާރު ކުރައްވާފައެވެ.