މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ މައްސަލަޖެހިވަޑައިގަންނަވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ދެ ރައީސުންގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދިގެން އުޅޭކަމަށް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ދުވަހަކު ވެސް އެ ދެބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، އެފަދަކަމެއް ނުހިނގާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި، ނަޝީދާ ދެމެދު މައްސަލަޖެހިވަަޑައިގެން އުޅުއްވާކަމަށް ވިދާޅުވަމުންދަނީ، އެއީ ބަޔަކު އޮޅުވާލައިގެން ގަސްތުގައި ދައްކާ ވާހަކައެއް ކަމަށެވެ.

ރައީސް ނަޝީދާއި އަޅުގަނޑާ ދޭތެރެއަކު ނެތް އެއްވެސް މައްސަލައެއް، މިއަދުވެސް އަޅުގަނޑުމެން ވާހަކަދެއްކިން ހަމަ ބައެއް ކަންތައްތަކާ، އެއީއަކީ އެއްވެސް އިޝޫއެއް ނޫން، އެއީއަކީ މައްސަލައެއް ނޫން، އެއީ އޮޅުވާލައިގެން ބަޔަކު ގަސްތުގަ ދައްކާ ވާހަކައެއް، އަޅުގަނޑާއި ރައީސް ނަޝީދާ މައްސަލަ ޖެހޭނެ ކަމެއް ނޯންނާނެ،
ރައީސް

މަޖިލީހުގެ މަސައްކަތާ އެއްވަރަށް ސަރުކާރު ނުހިނގާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައަށް ރައީސް ރައްދުދެއްވަމުން ވިދާޅުވީ މަޖިލިސް މިހާރު ހިނގަނީ ވަރަށް ބުރަކޮށް ގިނަ މަސައްކަތްތަކާ އެކުގައިކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ފެހި ގާނޫނުއަސާސީގެ ފަހުން މިހާތަނަށް ފެނިފައި ނުވާ މިންވަރަށް މި ސަރުކާރުން މަޖިލީހަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި އެގޮތުން ރިކޯޑު މިންވަރަކަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މަޖިލީހަށް މައުލޫމާތު ދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މަޖިލީހުގެ ތާރީހަށް ބެއްލެވީމަ އެނގިވަޑައިގަންނަވާނެ. ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރުވި ވަރު، އެއީ ރެކޯޑު އަދަދެއް. މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ސަރުކާރުން ދިން އެއްބާރުލުން ވަރަށް ބޮޑު،"
ރައީސް

ރައީސް ނަޝީދާއި ރައީސް ސޯލިހު ދެމެދު ނުތަނަވަސްކަމެއް އުޅޭ ކަމަށް އެންމެ ބޮޑަށް ފެންމަތިވީ ރައްޔިތުން މަޖިލީހުގެ ރައީސް ހޮވުމަށް އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެވެ. އަދި އެފަހުން މަރުކޮމިޝަނުން އެކުލަވާލި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ ތަހުގީގު ރިޕޯޓް މަޖިލީހުގެ ރައީސް ނަޝިދުގެ އަތްޕުޅަށް ފުރަތަމަ ދިޔަ މައްސަލައިގައި ވެސް ދެބޭފުޅުންގެ ގުޅުމަށް ބުރޫ އެރިކަމަށް ހަބަރުތައް ފެތުރުނެވެ.