ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ތެރެއިން، އަނބުރާ ގައުމަށް އަންނަން ބޭނުންވެފައި ތިބި ދިވެހިން ކުރިއަށް އޮތް ދެމަސް ދުވަސްތެރޭގައި ގެންނަން ފަށާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމީހުން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަމަލީ ގޮތުން ކުރަން ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެފަދަ މީހުން ރާއްޖެއަށް ގެނެސް އަނބުރާ މުޖުތަމައު ނެރުމުގެ ކުރިން، އެމީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނގުރާމައަށް ދިޔަ ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ ކުރިން އަންނަ މަހުގެ ތެރޭގައި އެ މީހުން މިހާރު ތިބި ކޭމްޕުތަކުން ނެރެގެން ފުރަތަމަ ގެންދާނީ އެހެން ގައުމަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމަތަކަށް ގޮސް އަނބުރާ ގައުމަށް އަންނަން ބޭނުންވެފައި ތިބި 160 މީހުންނާއި 33 ކުޑަކުދިން ތިބިކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ދާދި ފަހުން ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުކޮށްފައެވެ.
މި ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ހިމަނާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާކަމަށް ބުނާ 12 ކުޑަކުދިންގެ މައުލޫމާތު ވަނީ ހިމަނާފައިވެއެވެ.