ކަނޑަށް އުކާލާ ޕްލާސްޓިކު ރީސައިކަލްކޮށްގެން އުފައްދާފައިވާ ޕެކޭޖިންގްގައި ބަންދުކޮށްގެން މާކެޓްކުރަމުންދާ މަޝްހޫރު ކެވިން މާފީ އޯޝަން ވޭސްޓް ޕްލާސްޓިކްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފަށަން ނިންމައިފިއެވެ.

އިސްތަށިގަނޑަށް ބޭނުންވާ އެންމެ ޒަމާނީ ފަރުވާގެ ތާސީރު އެކުލެވޭ ގޮތަށް އުފައްދާފައިވާ ކެވިން މާފީގެ އުފެއްދުންތައް ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިއްކަމުން އަންނަ ނަދާ ސެލޫންއިން ހާމަކޮށްފައިވާ ގޮތުގައި، ކަނޑަށް އުކާލާ ޕްލާސްޓިކު ރީސައިކަލްކޮށްގެން އުފައްދާފައިވާ ޕެކޭޖިންގްގައި ބަންދުކޮށްގެން މާކެޓްކުރަމުންދާ މަޝްހޫރު ކެވިން މާފީ އޯޝަން ވޭސްޓް ޕްލާސްޓިކްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފަށަން ދެން މާ ގިނަ ދުވަހެއް ނެތެވެ.

ކެވިން މާފީ އޯޝަން ވޭސްޓް ޕްލާސްޓިކްގެ އުފެއްދުންތައް ބަންދުކޮށްފައިވާ ޕެކޭޖިންގްގެ 100 ޕަސެންޓަކީ ކަނޑުތަކުން ނަގާ، ރީސައިކަލްކޮށްފައިވާ ޕްލާސްޓިކެވެ. މިއީ އިސްތަށިގަނޑުގެ ފަރުވާތަކަށް ހާއްސަކޮށްގެން މާކެޓްކުރާ ޕްރޮޑަކްޓަކުން މިކަން ކުރާ ފުރަތަމަ ފަހަރެވެ.

ކެވިން މާފީގެ އުފެއްދުންތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ވިއްކަމުންދާއިރު، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 360 ޓަނުގެ ޕްލާސްޓިކް ބޭނުންކުރެއެވެ. އެހެންކަމުން މި ބްރޭންޑްގެ އުފެއްދުންތަކުގެ ޕެކޭޖިންގްއަކީ ރީސައިކަލްކޮށްފައިވާ ޕްލާސްޓިކުން އުފައްދާ ފުޅިތަކަކަށްވެއްޖެނަމަ ތިމާވެށިން އެ ސަލާމަތްކޮށްދެވެނީ ފުދޭވަރަކަށް ގިނަ ޕްލާސްޓިކް ކުންޏެވެ.

ލޮރިއޭލް ފަދަ ކުންފުނިތަކާ އަޅާ ބަލާއިރު ކެވިން މާފީ ބްރޭންޑަކީ އަދި ކުޑަ ބްރޭންޑެކެވެ. ރާއްޖެއަށްވެސް މި ބްރޭންޑް އަދި މާ ތިޔާގި ނުވި ކަމުގައި ވީ ނަމަވެސް، މި ބްރޭންޑްގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ މިހާތަނަށް ތަޖުރިބާކުރެވުނު އެންމެ ތަފާތު ބްރޭންޑެވެ. ނަދާ ސެލޫންއިންވަނީ، ތިމާވެށީގެ ހިމާޔަތުގައި މިފަދަ ގޮތަކަށް ތެދުވި ފުރަތަމަ ބްރޭންޑަށް އެ ސެލޫންގެ ފުރިހަމަ ތާއީދު ލިބެމުންދާނެކަން ހާމަކޮށްފައެވެ.