ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދަމުންދާ ކާރުހާނާތަކަކަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ޑްރޯން ހަމަލާ ދިނުމާ ހަމައަށް ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައި ކުރަމުންދިޔަ މިންވަރަށް މިހާރު ތެޔޮ ސަޕްލައިކޮށްދެވެން ފަށާފައިވާކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ސައުދީގެ ދެ ކާރުހާނާއަކަށް އަމާޒުކޮށް ހޫތީން ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ތެލުގެ ސަޕްލައިއަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރާ، ތެލުގެ ބާޒާރުގައި އަގުތައް ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.
ސައުދީގެ ހަކަތައާ ބެހޭ ވަޒީރު ޕްރިންސް ޢަބްދުލްޢަޒީޒު ބިން ސަލްމާން ވިދާޅުވީ، ތެލުގެ ސަޕްލައި އިހުނެކޭ އެއްގޮތަށް ރުޖޫއަވެފައިވާ ކަމަށާއި، ނަމަވެސް މުޅި ބާޒާރު ހަމަޔަކަށް އެޅޭނީ މިމަހު ނިމޭހާ ތަނުގައި ކަމަށެވެ.
ޕްރިންސް ސަލްމާން ވަނީ، ބައިނަލްއަގުވާމީ އިގުތިސޯދަށް ލޮޅުން އަރުވާ މިފަދަ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ގައުމުތަކަށް ގޮވާލާފައެވެ. ނަމަވެސް މި ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮންބައެއްކަން އަދި ކަށަވަރު ނުވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން ބުނާ ގޮތުގައި މިހަމަލާގެ ފަހަތުގައި އޮތީ އީރާނެވެ. ނަމަވެސް އީރާނުން ވަނީ މިކަން ދޮގުކޮށްފައެވެ. އަދި ޔަމަނުގައި ކުދިން މަރަމުންދާއިރު އެކަމާ އެމެރިކާއިން ނާންނަ ރުޅި، ޔަމަނުގެ ދިފާއުގައި އެގައުމުގެ ބަޔަކު ތެދުވެ ހަމަލާ ދިނުމުން އެމެރިކާއިން އަތުވެއްޖެކަމަށް އީރާނުގެ ހަރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހުގެ ހަމަލާތަކަކީ، ޔަމަނުގެ ކުށެއް ނެތް ރައްޔިތުން މަރަމުންދާތީ އޭގެ ބަދަލެއްގެ ގޮތުގައި ސައުދީއަށް ދިން ހަމަލާއެއްކަމަށާ، ސައުދީގެ އެކި ހިސާބުތަކަށް ހަމަލާ ދިނުމުގެ ގާބިލުކަން އެ ޖަމާއަތަށް ލިބިފައިވާކަމަށް ޔަމަނުގެ މައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތުން ވަނީ ބުނެފައެވެ. ޔަމަނު ހަނގުރާމައިގެ ތެރެއަށް ސައުދީ އިސްވެ އޮވެ އެކުލަވާލި އަސްކަރީ އިއްތިހާދުން ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.