ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އިހާނެތި ގޮތަކަށް މަރާލުމުގެ އަމަލު ހިންގި، ސައުދީ ކޮންސިއުލޭޓް އިމާރާތް ވިއްކާލައިފިއެވެ.
ތުރުކިވިލާތުގެ އިސްތަންބޫލްގައި ހުންނަ މި އިމާރާތް ވިއްކާލާފައިވަނީ އިމާރާތުގެ އަސްލު އަގުގެ 3 ބައި ކުޅަ 1 ބައިހާ ކުޑަ އަގެއްގައިކަމަށް ތުރުކީވިލާތުގެ ޚަބަރުތައް ބުނެއެވެ.
ކޮންސިއުލޭޓްގެ މަސައްކަތްތައް ހިނގަމުންދިޔަ އިމާރާތް ވިއްކާލާފައިވަނީ ސައުދީ އަރަބިއްޔާއިން ކަމަށް މައުލޫމާތު ލިބެއެވެ.
ސައުދީއިން މި އިމާރާތް ވިއްކާލާފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށާ، އިމާރާތް ގަނެފައިވަނީ ނަން ހާމަކުރަން ނޭދޭ ފަރާތަކުން ކަމަށްވެސް ތުރުކީވިލާތުގެ މީޑިއާއެއް ކަމަށްވާ ހާބޭތުރުކު ޓީވީއިންވަނީ ރިޕޯޓްކޮށްފައެވެ.
ކަންމިހެން އޮތްއިރު، ތުރުކީވިލާތުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިތުރު އިމާރަތަކުން ޖާގައެއް ގަނެފައިވާކަމަށް ޚަބަރު ލިބެއެވެ. މި އިމާރާތަކީ ތުރުކީވިލާތުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓްވެސް ހިންގަމުންދާ އިމާރާތް ކަމަށްވެއެވެ.
މިހުރިހާ ކަމެއްވެސް ކުރެވެން އޮންނަނީ ތުރުކީވިލާތުގެ ހާރިޖިއްޔާގެ އިޒުނަ ލިބިގެންނެވެ. ނަމަވެސް، މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް، ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކާ ސައުދީއިން ހިއްސާކޮށްފައި ނުވާކަމަށް، ތުރުކީވިލާތުގެ ހާރިޖީ އޮފިޝަލަކު ވަނީ މިޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ.
ސައުދީގެ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ޚަޝޯގީ މަރާލާފައިވަނީ ކޮންސިއުލޭޓް ހިނގަމުންދިޔަ އިމާރާތުގެ ތެރެއަށް އޭނާ ވަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލުމުގެ އަމަލު ހިންގީ ގާތްގަނޑަކަށް 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސައުދީގެ ހާއްސަ ޑެތް ސޮކްޑަކުން ކަމަށްވާއިރު، މިއީ ކާކުގެ އޯޑަރަކަށް ކުރި ކަމެއްކަން އަދިވެސް ކަށަވަރެއް ނުވެއެވެ. ނަމަވެސް ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެންކަމަށް ސައުދީއިން އިއުތިރާފުވެއެވެ. ޚަޝޯގީގެ މަރުގެ ތަހުގީގު އެހެން ފަރާތަކަށް ނުހިންގޭނެ ކަމަށް ސައުދީއިން ބުނާއިރު، މިމައްސަލާގައި އަދި އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައެއް ނުވެއެވެ. ވަރި/ކައިވެންޏާ ގުޅޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށް ކޮންސިއުލޭޓަށް ވަތް ފަހުން ޚަޝޯގީގެ އެއްވެސް ނިޝާނެއް އަދާ ޖެހެންދެކަށްވެސް ފެނިފައެއް ނުވެއެވެ.