މިދިޔަ ހަފުތާ ބަންދުގައި ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުހާނާތަކަކަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި މިވަގުތެކޭ އެއްގޮތަށް ތެލުގެ އަގުތައް އުފުލެމުންދާ ނަމަ އިންޑިއާގެ ކަރަންޓް އެކައުންޓްއާއި ފިސްކަލް ޑެފިސިޓްގެ ދަރަނި ބޮޑުވެގެންދާނެކަމުގެ އިންޒާރު، އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޝަކްތިކަންތާ ދާސް ދެއްވައިފިއެވެ.

ކަރަންޓް އެކައުންޓަކީ ގައުމަކުން އުފައްދާ ހިދުމަތްތަކާ މުދާ އެކްސްޕޯޓް ކުރާ މިންވަރުން، އެގައުމަށް އިމްޕޯޓްކުރާ މުދަލާ ހިދުމަތުގެ އަގު އުނިކުރުމަށްފަހު ބޭރުން އެގައުމަކަށް ލިބޭ އާމްދަނީ އެއަދަދަށް އެއްކޮށް، އަދި އެގައުމުން ބޭރުވާ ފައިސާގެ އަދަދު އެ އަދަދުން އުނިކުރުމަށްފަހު އެކުލަވާލާ ހިސާބުތަކެކެވެ. ފިސްކަލް ޑެފިސިޓަކީ ސަރުކާރަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުކުރެވުމުން މެދުވެރިވާ ހާލަތަކެވެ. ނުވަތަ އުފެއްދުންތެރިކަމުން ލިބޭ އެއްޗަކަށްވުރެ އިތުރަށް ހަރަދުކުރެވެމުން މެދުވެރިވާ ދަރަނީގެ ހާލަތަކެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުން ހިންގާ ތެޔޮ ކާރުހާނާތަކަކަށް ހޫތީން ދިން ހަމަލާތަކާ ގުޅިގެން އަލިފާން ރޯވެ އަނދަނީ/ފޮޓޯ: ރޮއިޓާޒް

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެން ދިއުމަކީ އިންޑިއާ ފަދައިން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގުތިސޯދުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިކުރުވާނެ ކަމެކެވެ. ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ބަލާއިރު ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެކްސްޕޯޓްކުރަނީވެސް އިންޑިއާގެ އިގުތިސޯދުންނެވެ. ކަންމިހެން އޮތްއިރު މިދަނޑިވަޅަކީ އިންޑިއާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖެހި، ހިސާބެއްގެ ހީނަރުކަމަކާވެސް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތައް ގިނަ ދުވަސްތަކެއްގައި އުފުލިފައި އޮންނަންވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު، އިންޑިއާގެ އިގުތިސޯދީ އަދި މާލީ ދާއިރާއަށް އިންތިހާއަށް ކުރާނެކަމަށް ލަފާކުރެވެއެވެ.

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އެވަރޭޖުކޮށް އުޅެނީ 60 ޑޮލަރަށް ވުރެ މަތީގައެވެ.