މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތަށް ނުހިނގަނީ އެކި ތަންތަނުގައި ޑިވިޝަންތައް ހުރުމުން ކަމަށާއި، ކައުންސިލްގެ އާ އޮފީހަށް ބަދަލުވެގެން ނޫނީ ރަނގަޅަށް މަސައްކަތް ނުފެށޭނެކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ ހާލަތާ ގުޅޭގޮތުން "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ޝިފާ ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައި ހުރި ކަންކަން އަލުން ބަދަލުކޮށްގެން ނޫނީ އެއްވެސް މަސައްކަތެއް ކުރެވެން ނެތް ކަމަށެވެ. އެގޮތުން މިއަދު އެންމެ ބޮޑަށް ހައްލުކުރަން ޖެހެނީ ހަތް އަހަރު ދުވަހު ކައުންސިލް މަގުމަތި ކުރުމުން ޖެހިފައި ތިބި ހާލު ކަމަށް ވިދާޅުވިއެވެެ.

"އޭގެން އަރައިގަންނާނެ ގޮތެއް ހޯދަނީ. އަޅުގަނޑުމެންގެ ބިންތަކާއެއްޗެހި އަދި ހުއްދަތަކާ އެއްޗެހި އަދި އަޅުގަނޑުމެން ވަންނާނެ ތަނެއް ވެސް ނެތް އަދިވެސް. އަޅުގަނޑުމެންނަށް ހުރި ޗެލެންޖެސްއަކީ ރައީސް ޔާމީންގެ ދައުރުގައި އަދި އޭގެ ކުރިން ވެސް އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނޭ ގޮތެއް ނެތި އަޅުގަނޑުމެން މިތިބީ މަގުމަތިކޮށްފައި. އަޅުގަނޑުމެންގެ ހަތް އަހަރު ގެއްލުވާލީމާ އެ ހަތް އަހަރުގައި ގެއްލިފައިވާ ހުރިހާ ކަންތަކެއް އެބަޖެހޭ ހަމަ މަގަށް އަޅުވަން،"
ޝިފާ

ސިޓީ ކައުންސިލްގެ އެކި ޑިވިޝަންތައް އެކި އަވަށު އޮފީހުގައި ހިންގަމުންދާތީ އުނދަގޫތަކާ ދިމާވާކަން ފާހަގަކުރައްވާމުން ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތް ކުރަމުން ގެންދަނީ މާފަންނު އަވަށު އޮފީހުގައި ކަމަށާއި، ބަދަލުވާން ބޭނުންވަނީ އެމްޑަބްލިއުއެސްްސީގެ އަލަށް ހަދާ އިމާރާތަށް ކަމަށެވެ. ނަމަވެސް އެތަން ހުރީ ނުނިމި ކަމަށާއި، ކައުންސިލަރުން އިށީންނާނެ ގޮނޑިއާ ހުރިހާ އެއްޗެއް ލިބެން އަންނަނީ އެމްޑަބްލިއުއެސްސީގެ އިމާރާތަށް ބަދަލުވެވިގެން ކަމަށެވެ. އަދި އެސެކްޝަން އޮތީ ހައުސިން މިނިސްޓްރީގައި ކަމަށް ޝިފާ ވިދާޅުވިއެވެ.

އެގޮތުން ބަޖެޓް ސެކްޝަނާއި ހިއުމަން ރިސޯސަސް ސެކްޝަން އޮތީ މައްޗަންގޮޅި އަވަށު އޮފީހުގައި ކަމަށާއި، ސިޓީ ކައުންސިލްގެ އެހެން ސެކްޝަންތައް އެހެން އޮފީސްތަކުގައި އެބަހުރި ކަމަށެވެ. އަދި ސިޓީ ކައުންސިލް މަގުމަތިކޮށް ތިބިތަނުން ދަމާ ނެރުމުން، ކައުންސިލްގެ އިކުއިޕްމަންޓްތަކާއި ތަކެއްޗާއި ސްޓާފުން ގެއްލިގެން ދިޔަކަމަށް ޝިފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބިއްލޫރިޖެހި ގެއިން ނެރެލާ އެއްލާލި ހަނދާނެއް މިއަދު އެއްވެސް ބަޔަކު ނެތް. އަޅުގަނޑުމެންގެ ފައިސާއާއި މުދަލާ ލިޔެކިޔުންތައް ހުރަވީ ބިލްޑިންގައި ހުއްޓާ އެތަނުން ދަމާ ނެރުނު ހަނދާނެއް ވެސް ނެތް. އަޅުގަނޑުމެންނަށް ކިހިނެއްތޯ ބިލިއަނުން ހަރަދުކޮށްފައި ހަދާފައިހުރި އޮފީހެއް ފުނޑާލީމަ ރިކަވާ ކުރާނީ ކިހިނެއްތޯ. މުއިއްޒު އަޅުގަނޑުމެންގެ ތަކެތި ގޮސްލީ ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ކޮބައިތޯ އަޅުގަނޑުމެންގެ ކޮމްޕިއުޓަރުތަކާއި ގެއްލިފައިވާ ފައިލްތައް. ކޮބާތޯ ނަގާ ބިންމައްޗައް އަޅާލި ކުރެހުންތައް ރައްޔިތުންގެ. ކޮންތާކަށްތޯ އެ އެއްޗެހި ލާނީ،"
ޝިފާ

ޝިފާ ވިދާޅުވީ މާލެ ސިޓީ ކައުންސިލް ބިއްލޫރިޖެހި ގެއިންނާއި ހުރަވީ ބިލްޑިންގް އިން ބޭރުކޮށް، މުއިއްޒު އެތަނުގައި ހުރި އެއްޗެހިތައް ގެންދަވާ އަޅާލެއްވި ގޮތަށް ހުރީ ބިންމަތީގައި ކަމަށެވެ. އަދި ބިންމަތިން އެ އެއްޗެހި ނެގެން އޮތީ އެމްޑަބްލިއުއެސްސީއަށް ވަދެވިގެން ނުވަތަ ތަނެއްގައި އިށީންދެވިގެން ކަމަށް ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ މާލެ ސިޓީ ކައުންސިލް މިއަދު މަސައްކަތް ކުރަނީ މަގުމަތީގައި ކަމަށެވެ.