ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށާއި، ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއް ވެސް ހިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ދެއްވައިފިއެވެ.

އެމަނިކުފާނު ދިވެހި ރައްޔިތުންނަށް މި ޔަގީންކަން ދެއްވީ 2019 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެސީގެ އެންމެ ކުރު ތައާރަފަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިހްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ނުވަތަ ވެރިކަން ކުރުން ކަމަށެވެ. އަދި މި ހަގީގަތަށް ބަލާއިރު، ގައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، މިދިޔަ މަދު އަހަރުތަކުގައި، އެންމެންވެސް ވަރަށް ގާތުން ތަޖުރިބާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ އަސާސީ އެތައް ހައްގެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ގައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެއެވެ. ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުންވެސް އިހުސާސް ކުރެވިއްޖެއެވެ. ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާ ގޮތްވެސް، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އަމަލީ ގޮތުން ތަޖުރިބާކުރެވިއްޖެއެވެ،"
ރައީސް

ރައީސް ވިދާޅުވީ މިއަހަރުގެ ޝިއާރަކީ، ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި، ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިއާރެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑިމޮކްރެސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާމެދު ހަމަހަމަކަމާއެކު މުއާމަލާތު ކުރުމާއި، އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެކެވެ. އަދި އެއީ، ދެމެހެއްޓެނިވި ތަރައްގީއާއި އިންސާނީ ހައްގުތަކާއި ސުލްހަމަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ ބަހާވެސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ވެރިކަމަކީ ގާނޫނުގެ ވެރިކަމެއް ކަމަށާއި، ގައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ގާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެއް ކަމަށް ވިދާޅުވިއެވެ.

" އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވެއެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުމެވެ،"
ރައީސް

ރައީސް ވިދާޅުވީ އޭގެ ތެރެއިން ވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށެވެ. އަދި އަދުލުވެރިކަމާއި ހާމަކަމާއެކު، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ނަގަހައްޓައިދިނުމަށާއި، ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ހައްގު ރައްކާތެރި ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރެސީއަކީ ކޮންމެ ގައުމަކަށް އަދި ކޮންމެ މުޖްތަމައުއަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެއް ކަމަށެވެ. އަދި އެއީ އެބައެއްގެ ސަގާފަތާއި، އެބައެއްގެ އަގީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމައަކަށް ފައްކާކުރެވޭ ހަމަތަކެއް ކަމަށް ވިދާޅުވިއެވެ. އަދި މި އުސޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށާއި، ކޮންމެ ރައްޔިތެއްގެ ކޮންމެ ހއްގެއް ހިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.