މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާއިން ވަކި ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި ވަނީ އެ ދެ ފުލުހުން ވަޒީފާއިން އިއްޔެ ވަކި ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައާ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ހަބަރު ފަތުރާފައި ވަނިކޮށެވެ.

މި ދެ ފުލުހުންނާއި ގުޅޭގޮތުން ފުލުހުންގެ އެތެރޭގެ ތަހުގީގެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މި މައްސަލާގައި ހިމެނޭ ދެ ފުލުހުންނަކީ މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް އެ ދެ ފުލުހުން ވަނީ ގޭގައި މަޑު ކުރުމަށް އަންގާފައެވެ. ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުމަކީ ރަސްމީ މަސައްކަތުން ދުރު ކުރުމެވެ.

ރިޟްވާންގެ މައްސަލާގައި ހިމެނޭ ދެ އިންޓެލް ފުލުހުން ހައްޔަރު ކުރުމަށް ފުލުހުންނަށް އެންގީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ކަމަށް އޭޖީ ބުނެއެވެ. އެ މައްދާގައި ވަނީ، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތްކުރައްވަން ވާނެ ކަމަށެވެ.

ފުލުހުންނަށް ފޮނުވި ސިޓީގައި، ސެކިއުލާ ފިކުރުގެ ދެމީހަކު ރަހީނު ކުރުމަށް އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވާއިރު، އެކަމަށް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެންކަން ބަލާ ތަހުގީގު ކުރެމަށް އެދިފައިވެއެވެ. އަދި އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ވަޒީފާގެ މަސައްކަތްތަކުން އެކަހެރި ކުރުމަށް ވެސް އޭޖީ ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ފުލުހުން އެ ދެ އޮފިސަރުން ހައްޔަރު ނުކުރީ އެކަށީގެންވާ ހެކި ނެތުމުންނެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ސެކިއުލާ ފިކުރުގެ ދެމީހަކު ރަހީނު ކުރުމަށް އުޅޭކަމުގެ މައުލޫމާތު 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް އޭ-ގްރޭޑް ސޯސްއަކުން ލިބިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ރަހީނު ކުރުމަށްޓަކައި ލޯންޗެއް ތައްޔާރު ކުރި ކަންވެސް ފުލުހުންގެ އިންޓެލް އަށް އެނގުނުކަން އެނގިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.