ލ. ގަމު ގެއެއްގެ ތެރޭގައި އޮތް މަސް ފެންގަނޑަކަށް 2 އަހަރުގެ ތުއްތު ފިރިހެން ކުއްޖަކު ވެއްޓި ސީރިއަސް ހާލަތަކަށް ގޮސްފިއެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖަކު ފެންގަނޑަކަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 15:30 އެހާކަށްހާއިރު ކަމަށެވެ. އަދި އެ ކުއްޖާއަށް ގަމު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ގަމު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އަދި ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ދިނީ ގަމު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހެކެވެ. ސޯޝަލް މީޑިއާގައި އެ ފުލުސް އޮފިސަރަށް މީހުން އަންނަނީ ތައުރީފުވެސް ކުރަމުންނެވެ.

އެއީ ފެންގަނޑަށް ވެއްޓުނު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އެ ފުލުސް އޮފިސަރު އެހީތެރިވެދިނީތީއެވެ.