ސައުދީ އަރަބިއްޔާގެ ދައުލަތުން ތެލުގެ ސިނާއަތުގައި ހިންގާ 2 ކާރުހާނާއަކަށް އަމާޒުކޮށް ހަމަލާދީފައިވާނީ 10 ޑްރޯންއެއް ބޭނުންކޮށްގެން ކަމަށާ، ސައުދީގެ އެކި އަމާޒުތަކަށް ދޭ ހަމަލާތައް އަދިވެސް އިތުރަށް ފުޅާކުރަމުންދާނެ ކަމުގެ އިންޒާރު، ޔަމަނުގައި ސައުދީ ކޯލިޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތުން ބުނެފިއެވެ.
ސައުދީގެ ދާހިލީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، ސައުދީގެ ދައުލަތުން ހިންގާ އެންމެ ބޮޑު ތެޔޮ ކާރުހާނާ ކަމަށްވާ އަބްގައިގްއާއި ޚުރައިސްގެ ތެޔޮކާރުހާނާތަކަށް އަމާޒުވި ހަމަލާތަކާ ގުޅިގެން ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
މި ހަމަލާތަކުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވިކަމެއް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ކާރުހާނާތަކުގެ މަސައްކަތަށް ބުރުލެއް އެރިކަން ނުވަތަ ނޫންކަންވެސް އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި ހާދިސާތަކުގެ ތަހުގީގުތައް ފަށާފައިވާއިރު، މިކަމުގެ ޒިންމާ ސައުދީއިން އަދި ވަކި ބަޔަކަށް އަމާޒުކޮށްފައެއް ނުވެއެވެ. ނަމަވެސް ޔަމަނުގެ ކޮންޓްރޯލް އަތުލުމަށް ހަނގުރާމަ ކުރަމުންދާ ހޫތީންވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ.
ހޫތީ ހަނގުރާމަވެރިންގެ އަލް-މަސީރާ ޓީވީ މެދުވެރިކޮށް އެ ޖަމާއަތުގެ ތަރުޖަމާނު އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހަމަލާތައް ދިނުމަކީ ހޫތީންނަށް އޮތް ހައްގެކެވެ. އެއީ ފާއިތުވީ 5 ވަރަކަށް އަހަރު، ޔަމަނުގެ އާންމު ރައްޔިތުން މަރަމުންދިޔައީތީ ލިބުނު ހައްގެއް ކަމަށް ހޫތީން ވަކާލާތު ކުރެއެވެ. މީގެ އިތުރުން އެ ޖަމާއަތުގެ ހަމަލާތައް ސައުދީގެ އިތުރު ސަރަހައްދުތަކަށް ފުޅާކުރަމުންދާނެކަމުގެ އިންޒާރުވެސް އެ ޖަމާއަތުގެ ބަޔާނުގައިވަނީ ދީފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރު ނުވަތަ ޢަބްދުއްރަބު މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ހޫތީ ހަނގުރާމަވެރިން ކުރަން ފެށި ހަނގުރާމައިގެ ތެރެއަށް، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އަސްކަރީ ކޯލިޝަނެއް ހަދައިގެން ވަދެ، ހޫތީންނާ ދެކޮޅަށް ހަނގުރާމަ ފެށީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ފަހުން އަދިވެސް ސުލްހަވެފައި ނުވާ ޔަމަނު ހަނގުރާމާގައި އެތައް ހާސް މީހުންނެއްގެ ފުރާނަ ގެއްލިފައިވާއިރު، ދުނިޔެ ދުށް އެންމެ ވަރުގަދަ އިންސަނީ ކާރިސާ އުފެދިފައި އޮތީ ޔަމަނުގައި ކަމުގެ އިންޒާރުވެސް އދއިންވަނީ ދީފައެވެ.