ވޭޕްކުރުމުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި އެމެރިކާގައި އީ-ސިނގިރޭޓް ގެންގުޅުމާ ބޭނުންކުރުން މަނާކުރުމުގެ މަސައްކަތް އެމެރިކާގެ ސަރުކާރުން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ މި ފިޔަވަޅަކީ، ވޭޕްގެ ނުރައްކަލުން، މައުސޫމު ކުދިންތަކެއްގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

އެމެރިކާގެ ސަރުކާރުން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމާފައި މިވަނީ، ވޭޕްކުރުމުގެ ސަބަބުން ފުއްޕާމޭގެ ނުރައްކާތެރި ބަޔަކަށް ޕޮޒިޓިވް ވަމުންދާ ޒުވާނުންގެ އަދަދު އިންތިހާއަށް އިތުރުވެ، މި ބަލީގައި އެމެރިކާއިން 6 މީހެއްގެ ފުރާނަ ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ސިއްހަތާ ބެހޭ ވަޒީރު އެލެކްސް އަޒާރު ވިދާޅުވީ ބާޒާރުން އީ-ސިނގިރޭޓްގެ ފްލޭވާތައް ނެގުމަށް ވަރަށް އަވަހަށް ޕްލޭނެއް އެކުލަވާލެވިގެންދާނެ ކަމަށެވެ.

ވޭޕްކުރުމުގެ ސަގާފަތީ "ކޫލް' ކަމަކަށްވެ، އަދުގެ ޒުވާން އަދި ޅަ ދިވެހި ޖީލުގައިވެސް މި އާދަ އަންނަނީ މޫލަމުންނެވެ.