2018 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ ގަދަ 10 އެއް ހޮވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދިގުހެދުން ފަރުމާކުރުމުގައި ޢިމާދުއްދީން ޖުވެލް ސެންޓަރުގައި ތައުލީމު ހާސިލުކުރަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްކަން ފާހަގަކުރައްވާ، ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު ޑރ ޢާއިޝަތު އަލީ، އެ ދަރިވަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވަނީ ޢިމާދުއްދީން ސްކޫލްގެ ދަރިވަރުންނާއި ޓީމުގެ ސަބަބުން، ރޭގެ ހާއްސަކަން އިތުރުވެގެން ދިޔަކަން ފާހަގަކުރައްވާފައެވެ.

ޢިމާދުއްދީން ސްކޫލް ޖުވެލް ސެންޓަރުގެ ދަރިވަރުން އެޑިއުކޭޝަން މިނިސްޓާ ޑރ ޢާއިޝަތު ޢަލީގެ ދިގުހެދުމުގެ ފަރުމާ ތައްޔާރުކުރަނީ/ފޮޓޯ: ރަހުމާ އީސާ

ޖުވެލް ސެންޓަރަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް 2004 ވަނަ އަހަރުން ފެށިގެން ޢިމާދުއްދީން ސްކޫލްގައި ހިންގަމުން އަންނަ ޔުނިޓެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ދިގުހެދުމުގައި

ތައުލީމީ މަންހަޖުގައި ހިމެނޭ ކަރިކިއުލަމް، ކުދިންގެ ކުޅެދުންތެރިކަމާ ގާބިލިއްޔަތުކަމަށް ބައްޓަން ކޮށްގެންނާއި އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތުތަކުގެ ތެރެއިން މި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދެމުން ދާއިރު އާންމު ދިރިއުޅުމުގެ މައިދާނަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން ވޮކޭޝަނަލް ތަމްރީނާ ގުޅުންހުރި އެކި ހަރަކާތްތައްވެސް މިސެންޓަރުގައި ހިންގައެވެ.

ޢިމާދުއްދީން ސްކޫލް ޖުވެލް ސެންޓަރުގެ ދަރިވަރުން އެޑިއުކޭޝަން މިނިސްޓާ ޑރ ޢާއިޝަތު ޢަލީގެ ދިގުހެދުމުގެ ފަރުމާ ތައްޔާރުކުރަނީ/ފޮޓޯ: ރަހުމާ އީސާ

ރޭގެ ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ބޭނުން ކުރެއްވި ދިގުހެދުމުގެ އިތުރުން، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް އެރުވުނު ހަދިޔާވެސް ފަރުމާކޮށްފައިވަނީ ޖުވެލް ސެންޓަރުގެ ދަރިވަރުންނެވެ.

ޖުވެލް ސެންޓަރުގެ އެކި ކުލާސްތަކުގައި 100އެއްހާ ދަރިވަރުން މިހާރުވެސް ތައުލީމު ހާސިލުކުރަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. އޭގެ ތެރޭގައި އޯޓިޒަމް، އޭޑިއެޗްޑީ، ޑައުން ސިންޑްރޯމް، ސެރަބަލް ޕަލްސީ ފަދަ ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުވުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ އެކިކަހަލަ ނުކުޅުންތެރިކަން ތަހައްމަލުކުރަމުންދާ ދަރިވަރުން ހިމެނެއެވެ.