ޓޮޕް އެޗީވާސް އެވޯޑްގެ ސްޕޮންސަރަކަށް އަނެއްކާވެސް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ އެކުގައި އެސްޓީއޯއިން އިއްޔެ ސޮއިކޮށްފައިވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ވެސް ޓޮޕް އެޗީވާސް އެވޯޑުގެ ސްޕޮންސަރަކަށް އެ ކުންފުނި ވުމަށެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ.

އެސްޓީއޯއިން ވަނީ މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި އެވޯޑް ވޭތުވެދިޔަ ފަސް އަހަރުވެސް ސްޕޮންސާ ކޮށްފައެވެ. ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ދެމުން އަންނަ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސާ ކުރާ މިއީ 10 ވަނަ އަހަރެވެ.