އުމުރުން 81 އަހަރުގެ މީހެއްގެ ގޮތަށް ސިފަ ބަދަލުކޮށްގެން އެމެރިކާގެ ނިއު ޔޯކަށް ފުރަން އުޅުނު ޒުވާނަކު ހިފަހައްޓާފައިވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ޖަޔޭޝް ޕަޓޭލް ނަމަކަށް ކިޔާ މީހާ ހިފަހައްޓާފައި ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ޒުވާނާ އިންޑިއާއިން ފުރަން އައިއިރު ހުރީ ބޮލާ ތުނބުޅީގައި ހުރީ ނުރަކަން ދެއްކުމަށް ޑައިވެސް ހާކާ، ބޮޑު އައިނެއްވެސް އަޅައިގެންނެވެ.

އުމުރުން 32 އަހަރުގެ ޖަޔޭޝް ޕަޓޭލް ބޭނުންކުރި ވަގު ޕާސްޕޯޓް /ފޮޓޯ: ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް

އެއާޕޯޓުން ފުރަތަމަ ބައްދަލުވާ ސެކިއުރިޓީ ޗެކްޕޮއިންޓާއި އިމިގްރޭޝަން ކައުންޓަރުން، ވަގު ޕާސްޕޯޓެއްގައި ޕަޓޭލް ސަލާމަތްވީ ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެންނެވެ. ނަމަވެސް ހުރިހާ އޮފިސަރުންނެއް އޭނާގެ މަޅީގައެއް ނުޖެއްސުނެވެ.

އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ އޮފިޝަލަކު ވިދާޅުވީ، އެމީހަކީ އުމުރުން 80 އަހަރު ވެފައިވާ މީހެއް ކަމަށް ނުބެލެވުނު ކަމަށާއި، އެހެނީ އޭނާގެ ހަންގަނޑުގެ އޮމާންކަން ފާޅުވާން ހުރުމުންކަމަށް އޮފިސަރު ފާހަގަކުރިއެވެ. ޝައްކުތައް ޔަގީން ކުރެވެން ފެށީ، ސެކިއުރިޓީ ޗެކްޕޯސްޓެއްގައި ބަލާފާސްކުރުމަށް އެދުމުން އެކަމަށް އޭނާ އިންކާރު ކުރަން ފެށި ހިސާބުންނެވެ. އޭނާއަކީ މުސްކުޅިކަމުން ތެދުވެ ނޫޅެވޭނެ މީހެއްކަމަށް ޕަޓޭލް ބުނިކަމަށްވެއެވެ.

ޕާސްޕޯޓެއްގެ ގޮތުގައި އޭރު އޭނާ ބޭނުންކުރަމުން ދިޔައީ އަމްރިކް ސިންހް ކިއާ ދިއްލީ މީހެއްގެ ޕާސްޕޯޓެވެ. އެމީހާގެ އުފަން ދުވަހަކަށް ޖަހާފައިވަނީ 1938 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހެވެ. ހަމުގެ އޮމާންކަމުގެ ވާހަކަ އައީ މިހާ ހިސާބުންނެވެ.

އުމުރުން 32 އަހަރުގެ ޖަޔޭޝް ޕަޓޭލް އަސްލު ހުންނަ ގޮތް /ފޮޓޯ: ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް

ބަލާ ފާސްކުރުން ވަކި ހިސާބަކަށް ދިޔައިރު، އޭނާގެ ކުށަށް ޕަޓޭލް އިއުތިރާފުވިކަމަށް ޚަބަރު ލިބެއެވެ. އަދި އެއީ ވަގު ޕާސްޕޯޓެއް ކަމަށްވެސް ޕަޓޭލް ވަނީ އިއުތިރާފުވެއެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި ޕަޓޭލް މިކަންކޮށްފައި ވަނީ އޭޖެންޓެއް މެދުވެރިކޮށެވެ. އެގޮތުން އިންޑިއާ ޕާސްޕޯޓަކާއި، އެމެރިކާ ވިސާ އޭނާއަށް ދިނީ އޭޖެންޓް ކަމަށް ޕަޓޭލް ބުނިކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ. އޭނާ އެމެރިކާއަށް ދާން އުޅުނީ ވަޒީފާއެއް އަދާކުރަން ކަމަށާއި، ނަމަވެސް އަސްލު ޕަޓޭލްގެ ރެކޯޑްތައް ހުރި ގޮތުން އެމެރިކާގެ ވިސާ ހަމަޖެއްސުން މާ ފަސޭހަކަމަށް ނުވާނެކަންވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.