އިސްރާއީލުން ޖޯޑަން ވެލީ، އަތް ދަށުލާން އުޅޭ މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ދެންމެގެ ވަގުތެއްގައި ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އަންނަ ހަފްތާގައި އިސްރާއީލްގެ އިންތިހާބުގައި އަލުން އިންތިހާބު ވެއްޖެނަމަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާ، އަދި ޑެޑްސީއަކީ އިސްރާއީލްގެ ތަނަކަށް ހަދާނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ބުނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި މިކަން ބައިނަލްއަގުވާމީ ފަރާތްތަކާއި، އދ ގެ ސަލާމަތީ މަޖިލީހުން ކުށްވެރި ކުރަން ޖެހޭ ކަމަށާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރުމަށް އިސްރާއީލަށް އަންގަން ޖެހޭ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ފަލަސްތީންގެ އެއްވެސް ބިމަކަށް ވެރިވެގަތުމަކީ ޖެނީވާ ކޮންވެންޝަނާ ހިލާފު ނިންމުމެއް ކަމަށާ އަދި އެއީ މެދުއިރުމަތީގެ ސުލަހައަށް ވެސް އެޅިގެންދާނެ ހުރަހެއް ކަމަށެވެ.
މީގެ އިތުރަށް ދިވެހި ސަރުކާރުން ބުނީ، ސަރުކާރުން އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފަލަސްތީނަށް ލިބޭނެކަމަށާ، އަދި ރާއްޖެއިން ބައިނަލްއަގްވާމީ ފެންވަރުގައިވެސް ކުރިއަށް އޮތްތާ ފަލަސްތީނުގެ ކަންތައްތަކުގައި އަޑު އުފުލުމުގައި އެންމެ އިސް ސަފުގައި ދެމި އޮންނާނެ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ބޭނުންވަނީ ދެގައުމެއް ގާއިމް ކުރުން ކަމަށާ، 1967 ވަނަ އަހަރު އޮތް ބޯޑަރުގައި ހުޅަނގު އައްސޭރިއަކީ ފަލަސްތީންގެ ވެރިރަށް ކަމުގައި ހަދަން ޖެހޭ ކަމަށެވެ.
ދިވެހި ސަރުކަރުން މިފަދަ ބަޔާނެއް ނެރެފައިވަނީ ފަލަސްތީނުގެ ހައްގުގައި މިއަދުގެ ދިވެހި ސަރުކާރުން އަޑު ނުއުފުލާކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ނަތަންޔާހޫގެ ވައުދުގައި ވާ ގޮތުން 60000 މުސްލިމުންގެ ގެދޮރު ގެއްލޭނެއެވެ.