މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 17 ތަނަކާއި، 11 މީހަކު ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން، އެ ކޮމިޝަނުން ހޯދާފައިވާ ކޯޓް އަމުރުގެ ދަށުން މިހާތަނަށް ފުލުހުންވަނީ، މާލެސިޓީ އާއި އައްޑޫސިޓީގެ 17 ތަނަކާއި 11 މީހުން ބަލާ ފާސްކޮށްފައެވެ. ފުލުހުން ބުނީ އޮޕަރޭޝަނަކީ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނަކަށް ވެފައި، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މަރުގެ ކޮމިޝަނުން ފުލުހުންނަށް ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ، ފުލުހުން އިއްޔެއިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރުވަނީ ނިންމާލާފައި ކަމަށެވެ.