މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގެ ތެރެއިން މިއަދު މިހާތަނަށް ފަސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި މިއަދު މިހާތަނަށް 4 ގެއަކާއި އެއް ކެފޭ ބަލާފާސްކޮށް، އަދި ކަނޑުމަގުން ހިންގި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މީހަކުވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނުގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަނަކީ މީހުންނާއި ތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އައްޑޫސިޓީ ހިތަދޫގެ ފިހާރައެއްވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އިއްޔެވަނީ ފޭދުގެ ފިހާރައަކާއި ގެއެއެއްވެސް ބަލާފާސްކޮށްފަ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ފޭދޫ މީހަކު ގެންދިއުމަށްފަހު އޭނާގެ ފޯނާއި ލެޕްޓޮޕް އަތުލުމަށްފަހު، އެމީހާ ވަނީ ފަހުން ދޫކޮށްލާފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަނާއި މީހުން ބަލައި ފާސްކޮށްފައެވެ.