ޓެރަރިޒަމްގެ މައްސަލަތަކުގައި އެމެރިކާގެ ސަރުކާރަށް މިހާރަށްވުރެ ބޮޑެތި ބާރުތަކަކާ އިމްތިޔާރުތަކެއް ލިއްބައިދެނިވި ރިޔާސީ އަމުރެއް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވައިފިއެވެ.

ޓެރަރިޒަމް ހިންގާކަމަށް ތުހުމަތުކުރެވޭ މީހުންނާ، އެފަދަ ފަރާތްތަކަށް މާލީ އެގޮތުންނާ އެނޫންވެސް ގޮތްގޮތުން އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ހޯދާ، އެފަދަ ފަރާތްތަކުގެ ފަހަތުން ދިއުމުގެ ބާރު ސަރުކާރަށް ލިއްބައިދޭ ރިޔާސީ ގަރާރެއް ޓްރަމްޕް ނެރުއްވާފައި މިވަނީ، އެމެރިކާގެ ތާރީހުގައި އެގައުމު ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ގޮތުގައި ސިފަކުރަމުން އަންނަ "ސެޕްޓެމްބަރު 11"ގެ ހަމަލާއަށް 18 އަހަރު ފުރޭ ދަނޑިވަޅުގައެވެ.

އަލަށް ގެނެވުނު ބަދަލާއެކު، ޓެރަރިޒަމްގެ ވަކި އަމަލެއްގައި އެ މީހަކު ބެދޭކަން ނުވަތަ ބެދިދާނެ ކަމަށް ޝައްކުވާ ހަމަލާއެއް ބަޔާން ކުރުމެއް ނެތި، ޓެރަރިސްޓުން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފަހަތުން ދިއުމުގެ ބާރު އެމެރިކާގެ ސަރުކާރުގެ އިދާރާތަކަށް ލިއްބައިދެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރަކީ، ޓެރަރިސްޓުންނާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންދާ ބޭރުގެ މާލީ މުއައްސަސާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް ބާރުދޭ އަމުރެކެވެ.

އަލަށް ނެރެވުނު އަމުރާއެކު އެމެރިކާއިން މިހާރުވެސް ގިނަ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އޭގެ ތެރޭގައި އީރާނުގެ ރިވަލޫޝަނަރީ ގާޑުންނާ، އަލްގައިދާ ޖަމާއަތާ، އައިސިސް ޖަމާއަތާ ގުޅުންހުރި ފަރާތްތަކެއް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.