މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވީ، އެފަދަ މައުލޫމާތެއް ނުރަސްމީކޮށް ވެސް ލިބިވަޑައިގެންނެވުމުން ކަމަށް ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ ފުލުހުން ފާރަލަމުންދާ ކަމަށް އެމަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައިވަނިކޮށް، އެކަން ފުލުހުން ދޮގުކުރުމާއި ގުޅިގެންނެވެ.
ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތަސް، ސިފައިންގެ ތެރެއިން ބަޔަކު ނަޝީދަށް މައުލޫމާތު ދެއްވީމަ ނޫނީ އެފަދަ ވާހަކައެއް އެގޮތަށް ރައީސް ނަޝީދު ވިދާޅުވާނެ ކަމަށް ކުޑަކޮށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
ފުލުހުން ނަޝީދަށް ފާރަލާކަމަށް އެމްއެންޑީއެފުން ބުނިކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައިި ނުވާނެ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެބޭފުޅެއްގެ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ތްރެޓް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެން ކަމަށެވެ.
އަދި މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެސެސްމެންޓުން ވެސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވާކަމަށް ބުނެފައިވެއެވެ. ނަމަވެސް، އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އެމްއެންޑީއެފުން ވަނީ ދީފައެވެ.
ނަޝީދުގެ ވާހަކަފުޅު ދޮގުކޮށް ފުލުހުން ވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ. ފުލުހުން ވެސް ބުނެފައިވަނީ އެމްއެންޑީއެފުން ދެއްކި ވާހަކަތަކެވެ. ނަމަވެސް ނަޝީދަށް ފާރަނުލާކަމަށް ސީދާ ބުނެފައިނުވެއެވެ.
ނަޝީދަކީ އާއްމުކޮށް ދޮގުހަދާމީހެއް. ނޫސްތަކުގެ ހެޑްލައިނުން ޖާގަހޯދުމަށް ހަދާނެ ތެދެއްނެތީމަ ދޮގުހަދަނީ. ދޮގުހަދާގެންވެސް މީހުން ސަމާލުކަން ހޯދަންބޭނުންވާތީ ދޮގުހަދަނީ.