ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ފަހަތަކަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޟްވާން ގެއްލުވާލި މައްސަލަ ތަހުގީގުކޮށް، މަރުކޮމިޝަނުން ރިޕޯޓް ނެރުނު ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ "ތިޔަބޭފުޅުންނަށާއި އަދި އެ އާއިލާއަށް ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން އަޅުގަނޑެއް ފަހަތަކަށް މިކަމަކު ނުޖެހޭނޭ" ކަމަށެވެ. އަދި މި ކަމުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، މި ކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިކަމާ ގުޅިގެން މިހާރު ކުރެވެންހުރީ ކޮން ކަންތައްތަކެއްތޯ ބެއްލެވުމަށް އެޓަރނީ ޖެނެރަލާއި، ޕްރޮސިކިއުޓާ ޖެނެރަލާއި، ފުލުހުންނާއި، ޑިފެންސްއާއި، އަދި މަރުތައް ބަލާ ކޮމިޝަނުގެ ބޭފުޅުންނާ އެކީގައި ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަށެވެ.

"މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް، އަދި މީގެއިތުރުންވެސް މިކަމާ ގުޅިގެން ކުރަންޖެހޭ ކޮންމެ ކަމަކީ، އެތައް މުއައްސަސާތަކަކާ ގުޅިފައި ހުރި ކަމެއް. އެންމެ ކަމެއްނޫން މީގައި ކުރަން މިޖެހެނީކީ. މިއާ ގުޅިގެން ތަހުގީގަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް އެބަތިބި. ފުރުން މަނާކުރަންޖެހޭ ފަރާތްތައް އެބަތިބި. އަދި ހައްޔަރު ކުރަން ޖެހިއްޖިއްޔާ، ހައްޔަރު ކުރަންޖެހޭ ފަރާތްތައްވެސް ތިބިކަން އަޅުގަނޑުވެސް ފާހަގަކުރަން،"
ރައީސް

ރައީސް ވިދާޅުވީ މި ކަންތައްތައް ކުރެވެން އަންނަނީ މި ހުރިހާ މުއައްސަސާއެއް އެކުގައި މިކަން ކުރެވިގެން ކަމަށެވެ. އަދި ބައްދަލުވުމުގައި އެއްބަސްވެ ނިންމުނު ކަންތައްތަކަކީ، މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް ހަލުވިކޮށް ކުރެއްވުން ކަމަށާއި، އެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެެގޮތުން، ކަންބޮޑުވުންތައް ހުރި ކަންތައްތައް ދެނެގަނެ، ބަންދުކުރަންޖެހޭ މީހަކު ހުރިކަމަށްވަންޏާ، ބަންދުކޮށްގެން ތަހުގީގު ކުރަން، އިތުރަށް ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، އެކަންވެސް ކުރަން އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެއިތުރުން، ވީހާވެސް އަވަހަކަށް ރިޕޯޓް ފައިނަލް ކުރުން. ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް އަޅުގަނޑާ ހިސާބަށް ގެނައުމަށް ނިންމުނު. އެނގިވަޑައިގަންނަވާނެ، އެ ގާނޫނުގައި ވަރަށް ސާފުކޮށް ސަރީހަ ބަހުން އެބަ ބުނޭ ކަންތައް ކުރަންވީގޮތް. ކޮމިޝަނަށް ލިބިދޭ ބާރުތަކާއި، އެ ބާރުތަކުގެ ތެރޭގައި، ތަހުގީގުތައް ކުރެވޭނެގޮތާއި، އަދި ނިމުމަށްފަހުގައި އެ ރިޕޯޓަށް ހަދަންވީގޮތް ވަރަށް ސާފުކޮށް އެބައޮތް. އެއަށްފަހުގައި، އަޅުގަނޑު ކަން ކުރަންވީގޮތްވެސް އެބައޮތް،"
ރައީސް

އަދި މީގެއިތުރުން، ކަންބޮޑުވުންތައް ހުރި އިތުރު އެހެން މަރުތަކުގެ މައްސަލަތައް ކޮމިޝަނުން ބައްލަވަމުން އެބަ ގެންދަވާ ކަމަށާއި، އޭގެތެރޭގައި އުނގޫފާރުދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އަދި ޔާމީން ރަޝީދުގެ މައްސަލަ ވެސް ވަރަށް ރަނގަޅަށް ބައްލަވަމުން އެބަ ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަލޫމާތު ލިބިފައި އޮތް ގޮތުން، ޑރ. އަފްރާޝީމުގެ މައްސަލައިގައި ވެސް ގާތްގަނޑަކަށް 90 ޕަސެންޓް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެގޮތަށް، ރިޟްވާނުގެ މައްސަލަ ވެސް ދާދި އަވަހަށް ބަލައި ނިމޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ.