ރިޟްވާން ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ގޮސް، ޕީޖީ ލީޑަރުންނާ ހިއްސާ ކުރުމާއެކު އެ ރިޕޯޓު އާންމުނަން ނުފެންނަ ކަމަށް ދަންނަވަން މިހާރު ދަތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައެވެ.
ރައީސް ވިދާޅުވީ ރިޕޯޓު އާންމުންނާ ހިސާބަށް ނުދާ ކަމުގެ ޔަގީންކަށް ގެއްލިފައި ވިޔަސް ސިއްރު ހިފަހައްޓަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރިލްވާންގެ މައްސަލައާ ގުޅިގެން މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރާފްޓް ރިޕޯޓެއް މިގޮތަށް އާންމުކޮށް، ސިއްރުތަކެއް ހާމަކުރުމަކީ އެންމެ ރަނގަޅަށް ކުރި ކަމެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، މައިގަނޑު އަމާޒަކީ ރިލްވާނަށް ވީ ގޮތެއް ހޯދައި އެކަން ކުރި ބަޔަކު ހޯދައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ރިލްވާން މައްސަލާގައި މަޖިލީހުން ކުރާ މަސައްކަތަކަށް އެމަނިކުފާނު ބެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް ލީކުވެފައިވާ ކަމަށާ އެއީ ނުވާ ކަމަކަށް ދެން ނުހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ހުރި ބައެއް މައުލޫމާތުތައް އާއްމު ވެއްޖިއްޔާ ތަހުގީގަށް ދަތިވާ ބައެއް ކަންކަން. އެހެންވީމަ އެ އެއްޗެހި ހިފެހެއްޓެވުން އަޅުގަނޑުގެ އެދުމަކީ. ދެންވެސް މިކަމުގައި ޝާމިލިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމާއި ރިލްވާނަށް ވީ ގޮތް ހޯދުމަށް އެންމެންވެސް އެއްބާރުލުން ދިނުމަށް އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ތަހުގީގު ރިޕޯޓުގެ ދެ ޑްރާފްޓެއް އެމަނިކުފާނަށްވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. ފުރަތަމަ ރިޕޯޓު ލިބިވަޑައިގެންނެވި ސީދާ ދުވަހެއް ހަނދަމަފުޅު ނެތް ކަމަށާއި ނަމަވެސް ދެވަނަ ޑްރާފްޓް ލިބިވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހު ކަމަށް ރައީސް ވިދާޅުވިއެވެ. އެއިން އެއްވެސް ރިޕޯޓެއް އިތުރު އެއްވެސް ފަރާތަކަށް ހިއްސާ ކުރުމަށް ދަންނަވާފައި ނުވާނެ ކަމަށާ ނަމަވެސް އެ މައްސަލާގައި ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ހާމަ ކުރުމަށް ދެންނެވިފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އެ ޑްރާފްޓް ލިބިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކު މި ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރެއްވުމަށް. އަދި ނިންމަންޖެހޭ ގުޅުވަންޖެހޭ ޑޮޓުތައް އެބަހުރި. ޑްރާފްޓް ރިޕޯޓު ބަލާލީމަ އަޅުގަނޑަށްވެސް އެބަ އިނގޭ، އަދި ކޮމިޝަނުންވެސް އެބަ ބުނޭ. ސުވާލު ކުރަންޖެހޭ ވަރަށް ގިނަ ފަރާތްތައްވެސް އެބަހުރި. އެކަން އެގޮތަށް ކުރެއްވުން އެއީ އަޅުގަނޑުގެ އެދުމަކީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މި މައްސަލާގައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެއްބާރުލުން ދޭތަން ނުފެންނަ ކަމަށް ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ރިޕޯޓު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާ ކަމަށެވެ. ހުދު އެމަނިކުފާނުވެސް އަދި މަރު ކޮމިޝަނުންވެސް އެ ޑްރާފްޓް ރިޕޯޓު ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ހިއްސާ ކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް އިދާރާއަކަށް އެކަން ހިއްސާ ނުކޮށް މަޑު ކުރެއްވީ ރިލްވާން މައްސަލައިގެ ފައިނަލް ރިޕޯޓު ވަރަށް އަވަހަށް ނިމޭނެ ކަމަށް މަރު ކޮމިޝަނުން ބުނެފައިވާތީ ކަމަށެވެ.
"އެހެންވީމަ އެކަމާއި ގުޅިގެން އެކި މުއައްސަސާތަކުން އެކި ގޮތް ގޮތަށް ވާހަކަތައް ދައްކާފައި އޮތީ. އެހެންވެ އިއްޔެ އަޅުގަނޑު ނިންމި ނިންމުމެއް އެއީ ހުރިހާ ބޭފުޅުން އެއް މޭޒެއްގެ ދޮށަށް ގެނެސް އެކަމުގައި އެކައްޗެއް ކިޔައިގެން ކުރިއަށް ދިއުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިލްވާންގެ މައްސަލާގައި ހުރިހާ މުއައްސަސާއަކުންވެސް ދެން ކުރިއަށް ދާނީ އެއް އަމާޒަކަށް ކަމަށެވެ.