ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ރަށު ކައުންސިލެއްގެ ރައީސް ސްކޫލު ކުދިންތަކަކަށް ބަރަހަނާ ވީޑިއޯ ދެއްކި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ޖެންޑާއިން ބުންޏެވެ. ޖެންޑާއިން ބުނީ އެ މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުއްޖާއަށް ބޭނުންވާ ނަސްފާނީ އަދި އިޖުތިމާއީ އެހީތެރިކަން ޖެންޑާއިން ފޯރު ކޮށްދެމުންދާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

ކައުންސިލެއްގެ ރައީސެއް ސްކޫލު ކުދިންތަކަކަށް ބަރަހަނާ ވީޑިއޯ ދެއްކި މައްސަލަ ޖެންޑާއިން ބަލަމުން އަންނައިރު މިފަހަކަށް އައިސް އަންހެނުންނަށް މަގުމަތިން ފޮށުމުގެ ކަންކަން އަންނަނީ އިތުރުވަމުންނެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ޖުލައި މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ހާނިއްކައިގެ 34 މައްސަލަ ރިޕޯޓު ކޮށްފައިވާއިރު، އިހުމާލުގެ 25 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ އަދި ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ ވެސް ވަނީ ރިޕޯޓް ކޮށްފައި ވެއެވެ.