މިމަހު އޮންނަ އދގެ މެންބަރު ގައުމުތަކުގެ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކަމަށް ދިވެހި ހާރިޖިއްޔާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ދިވެހި ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވީ، ކުރިއަށް އޮތް އދގެ އާންމު ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވާނީ ރައީސް ސޯލިހު ކަމަށާ، ރައީސް ސޯލިހުގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ އިންސާނީ ހައްގުތަކާ، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތަށް ކަމަށެވެ.
މިއީ 6 އަހަރު ދުވަހުގެ މެދުކެނޑުކަމަކަށް ފަހު ދިވެހިރާއްޖޭގެ ރައީސަކު، އދގެ އާންމު ޖަލްސާގެ ތަޅުމުގައި ވާހަކަފުޅުދައްކަވާ ފުރަތަމަ ފަހަރެވެ. ނިމިދިޔަ ރިޔާސީ ވެރިކަމުގެ 5 އަހަރު ދުވަހުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޔާމީން އދގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. އެ ދައުރުގައި ދިވެހިރާއްޖޭގެ ފަރާތުން އދގެ ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި ބަޔާން އިއްވައި ދެއްވާފައިވަނީ ވަޒީރުންނާ ޑިޕްލޮމެޓުންނެވެ.
އދގެ މެމްބަރު ގައުމުތަކުގެ 74 ވަނަ އާންމު ޖަލްސާ ކުރިއަށް ދާނީ މިމަހުގެ 17 އިން 30 ގެ ނިޔަލަށް އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މައި ދާރާގައެވެ. ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ތަގުރީރުތައް ފެށިގެންދާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ތިދެން ރައްޔިތުން އަށް ކަމެއް ކޮއްދެވުނީތަ؟؟ލޮލް